ގާސިމްގެ ދިފާއުގައި ޖޭޕީއާ ރައްޔިތުން މަސައްކަތް ކުރާނެ: ސަމީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށާއި، އެމަނިކުފާނުގެ ވިޔަފާރިއަށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ދިވެހި ރައްޔިތުންނާއި، ޖުމްހޫރީ ޕާޓީން ކުރާނެ ކަަމަށް އެ ޕާޓީން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ގާސިމު އިބްރާހިމަކީ ރައްޔިތުންގެ ލޯތްބާއި، އިހްތިރާމު ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރެއް ކަމަށާއި، އެހެންކަމުން އެ މަނިކުފާނަށް އަނިޔާއެއް ލިބުމަށް ދިވެހި ރައްޔިތުން ނޭދޭނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ފެށުމުން ސަރުކާރުން ގާސިމް އިބްރާހިމަށާއި، އެމަނިކުފާނުގެ ވިޔަފާރިއަށް ގެއްލުންތައް ދިން ނަމަވެސް ހައްގު ބަސް ބުނުމުގައި ގާސިމް އިބްރާހިމް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އެކަމަކު އެފަދަ ފިއްތުންތަކުގެ ސަބަބުން ކުރިން އެފަދަ ކަންކަމުގައި [ގާސިމް] ހަރަކާތްތެރިވެވަޑައިގެންނެވި ގޮތަށް ހަރަކާތްތެރިވުމަކީ ދަތިކަމެއް ކަން ދިވެހި ރައްޔިތުން ގަބޫލުކުރަން ޖެހޭނެ،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސް ޅަފަތުގައި އޮތް ޑިމޮކްރަސީ ނަގަހައްޓާ ދެމެހެއްޓުމަށް ގާސިމް އިބްރާހިމް ކުރައްވާފައިވާ މަސައްކަތްތަކަކީ ރައްޔިތުންނަށް މިއަދު ހަގީގަތް އޮޅުވާލެވޭނެ މަސައްކަތްތަކެއް ނޫން ކަމަށެވެ. ގާސިމު އިބްރާހިމަށާއި، އެމަނިކުފާނުގެ ވިޔަފާރިއަށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ކުރަމުންދާ ޖެއްސުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ސަމީރު ވަނީ ގޮވާލައްވާފަ އެވެ.
ސަމީރު އިތުރަށް ވިދާޅުވީ ގާސިމު އިބްރާހިމަކީ އިޖުތިމާއީ އަދި އެހެނިހެން ވެސް ދާއިރާތަކުން އާއްމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތެރިއެއް ކަމަށެވެ.
ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރަށާއި، އެޕާޓީއަށް ފިއްތުންތައް ކުރިމަތިކުރުމަށް ކުރަމުންދާ މަސައްކަތުން ދުވަހެއް ދުވަހަކަށް ޖުމްހޫރީ ޕާޓީ ދާނީ ކުރިއަށް ކަމަށާއި، އެފަދަ ފިއްތުންތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީ ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ