މަޑަވެލި ދާއިރާގެ މެމްބަރު ޖޭޕީއަށް ސޮއިކުރައްވައިފި

މިހާތަނަށް ސިޔާސީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ޖުމްހޫރީ ޕާޓީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.
މުއާޒު ޖޭޕީއަށް ސޮއި ކުރެއްވީ އެޕާޓީން ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މުއާޒު ޖޭޕީއަށް ސޮއި ކުރެއްވުމާއެކު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 13 އަށް އިތުރުވެފަ އެވެ.
ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު މުއާޒު ވިދާޅުވީ ރާއްޖޭގައި އެންމެ ޑިމޮކްރެޓިކްކޮށް މަސައްކަތްކުރާ ޕާޓީއަކީ ޖޭޕީ ކަމަށާއި އެ ޕާޓީއަށް ސޮއިކުރެއްވީ އެވިސްނުން ފުޅުގައި ކަމަށެވެ.
"މަޑަވެލި ދާއިރާގެ ގޮނޑި އަށް މިނިވަން މެމްބަރެެއްގެ ގޮތުގައި ހޮވުނު ކަމަށް ވިޔަސް، މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ޖުމްހޫރީ ޕާޓީ އަކީ ގުޅިގެން މަސައްކަތް ކުރަން އެންމެ ރަނގަޅު ޕާޓީ" މުއާޒު ވިދާޅުވި އެވެ.
ޕެރެޑައިސްގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ކިނބިދޫ ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ އާއި ކިނބިދޫ ކައުންސިލްގެ ނާއިބު ރައީސް ހަސަން ރަޝީދާއި އެ ކައުންސިލްގެ މެމްބަރު ފާރޫގު އަލީ އާއި ގދ. މަޑަވެލީ ކައުންސިލްގެ މެމްބަރު ނިޔާޒު ހަސަނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވެސް ވަނީ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ. އަދި މެމްބަރު މުއާޒާ އެކު ހަރަކާތްތެރިވާ ޓީމުގެ ގިނަ މެންބަރުން ވެސް ޖޭޕީ އަށް ސޮއިކޮށްފައިިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ