ކޮންމެ ހާލަތެއްގައިވެސް ހުންނަވާނީ ދިވެހި ރައްޔިތުންނާއިއެކު ކަމަށާ މުދަލާއި ޖާނަށް ކިތަންމެ ބޮޑު ގެއްލުމެއް ދިންނަމަވެސް ފަހަަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ "ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޖޭޕީއާ އެމްޑީޕީ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޖޭޕީއާ އެމްޑީޕީ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކްުފާނުގެ މުދާ ދައުލަތަށް ނަގާ، ކިތަންމެ ބޮޑު ނިކަމެތިކަމެއް ދިންނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ މީހުންގެ މުދަލަށް ގެއްލުންދީ މީހުންގެ މުދާ ނެގޭނެ ގާނޫނެއް ނޯންނާނެ ކަމަށާ އެމަނިކުފާނުގެ ހުރިހާ މުދާ ނެގި ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ. ސިޔާސީ ގޮތުން ރައްޔިތުން ބާރުވެރިކުރުވާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ނިކުންނެވީ ފަހަތަށް ޖެހޭގޮތަށް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުގެ ހުރިހާ އެއްޗެއް ނެގިޔަސް ހުރިހާ މުދާ ނެގިޔަސް އަޅުގަނޑަށް ބަޑި ޖަހާ މަރާލިޔަސް އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންނާ އެކީގައި އިނގޭތޯ. ޔާމިން ހީފުޅުނުކުރައްވާ އިނގޭތޯ ޖާނުން ބޮޑު މީހަކު އައިސް އަޅުގަނޑު ގަޔަށް ބަޑިޖެހިދާނެ. ނޯނޯނޯނޯ.. އެއްގޮތަކަށްވެސް ޖެހިލުމެއް ނުވޭ އިނގޭތޯ. ހުރިހާ އެއްޗެއް ނަންގަވާ ނަންގަވާ ނަންގަވާ. ހުރި މީހެއްގެ އަތުން ނެންގެވޭނީ ނަންގަވާ އަވަހަށް ނަންގަވާ ހުސްކުރައްވާ އަވަހަށް އިނގޭތޯ. ބަރާބަރު. ނަންގަވާ މާދަމާ އިރުއަރާއިރު ދެން ހުރި އެއްޗެއްވެސް ނަންގަވާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިނަށް ވެރިކަން ލިބިވަޑައިގެންނެވީ އެމަނިކުފާނުގެ އެހީތެރިކަމާ ތާއީދާއެކު ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީ މިވެރިކަމުގެ ކޯލިޝަނުން ބޭރުކުރުމާއެކު މިސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމިނަށް ތާއީދު އޮތް ނަމަ އިންތިހާބަކަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިންތިހާބަކަށް ވަޑައިގެންފިނަމަ ބަލިކުރައްވާ "ކުޑަކުއްޖެއްހެން ގެއަށް ފޮނުވާލާނެ" ކަމަށެވެ. އަދި މީހުން މުދާ ސަރުކާރުން އަތުލަނީ ސަރުކާރު ފަހުނޭވަޔަށް އެޅި ފެތެމުންދާތީ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރުގެ ލެޖިޓިމަސީއެއް [ގާނޫނީ ހައިސިއްޔަތެއް] ނެތޭ ވަރަށް ހާއްސަކޮށް ވަރަށް އިހްލާސްތެރިކަމާއެކު މިދަންނަވަނީ. ރައީސް ޔާމިން ބޭނުންފުޅުވާ ކަމަށްވަންޔާ އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަން ދެންމެއަކު ވިދާޅުވި ފަދައިން ވޯޓަކަށް ހިންގަވާ. ވޯޓަށް ގޮސް މަނިކުފާނު ތާއީދު ހޯއްދަވައިގެން ދެން ވެރިކަމަށް ވަޑައިގެންފިއްޔާ އަޅުގަނޑު ދަންނަވާނަން މަނިކުފާނަށް ތާއީދު އެބައޮތޭ. މިއަދަކު މަނިކުފާނަކަށް ތާއީދެއް ނެތް. ލެޖިޓިމަސީ އެއްވެސް ނެތް. ގާނޫނީ ހައިސިއްޔަތެއްވެސް ނެތް މަނިކުފާނު ވެރިކަމުގައި ހުންނަވާކަށް. ރައްޔިތުންނަށް އެހެންވީމާ ތި އަނިޔާ ކުރެއްވެނީ. އަޅުގަނޑު އެއްޗެކޭ ދެންނެވީމާ ކީއްވެގެންތޯ މިއަދު އަޅުގަނޑުމެން ދީފައި އޮތް ތިން ރަށް ކިތައް މިލިއަން ޑޮަލަރު ދައްކާފައި ހުރި ތަންތަންތޯ ތި ނެންގެވީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު އެއްވެސް އިރެއްގައި ރައީސް ޔާމިނަށް ތާއީދު ނުކުރައްވާ ކަަމަށެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށް ރައީސް ޔާމިނަށް ތާއީދުކުރަންޖެހުނީ ފުލުހުންނާ ސިފައިންނާ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން އެމަނިކުފާނު އަރިހުގައި އެކަން ކޮށްދިނުމުން އެދުމުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި މިއަދު ރައީސް ޔާމިން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާތީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފުލުހުންނާ ސިފައިން މަސައްކަތް ކޮށްދެއްވުމަށްވެސް ގާސިމް މިރޭ އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ގެންދިއުމަށް ގާސިމް އިބްރާހިމް ބުދަ ދުވަހުގެ ރޭ ގޮވާލެއްވުމާ ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ފިޔަަވަޅުއަޅުއްވާނެ ކަމުގައި ޕީޖީ ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ މިރޭވެސް ގާސިމް ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރައްްވަނީ ސިޔާސީ ދައުވާއެއް ކަމަށެެވެ. އަދި އެދައުވާ ކުރަންޖެހޭ ވަގުތާ ހާލަތު މިހާރު ގެއްލިފައިވާ ކަމަށާއި މިހާރު އެންމެ ރަނގަޅު ގޮތަކީ އެ ދައުވާ އަނބުރާ ގެނައުން ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނާ އަދި ޖުމްހޫރީ ޕާޓީއާ އެމްޑީޕީ އާއިއެކު އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންނަކީ އިންސާނުން ކަމަށްވާތީ ބައެއް ދަނޑިވަޅުތަކުގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި އިންސާނުންނަށް ވީތީ ކުށްކުރެވޭނެ ކަން ގަބޫލުކޮށް އެކަންކަން އިސްލާހުކޮށްގެން ކުރިއަށް ދިއުމުން ރަނގަޅުވާނެ ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. އަދި ކުރިން ހެދިފައިވާ ގޯސްތައް ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެ ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ނިންމީތީ އުފާކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިސަރުކާރުން މީހުންގެ މުދަލަށް އަރައިގަންނަނީ ވެރިކަމުގެ ހައިސިއްޔަތު ގެއްލުމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ