ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޑރ. އަހުމަދު ލަތީފް އަވަހާރަވެއްޖެ
ރާއްޖޭގެ ފުރަތަމަ ދިވެހި މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ގދ. ވާދ،ޫ ގައްދަޑުގޭ ޑރ. އަހުމަދު ލަތީފު އަވަހާރަވެއްޖެއެވެ. ޑރ. ލަތީފަކީ ދިވެހިންގެ ތެރެއިން ދެ ވަނައަށް އެމްބީބީއެސް ހާސިލްކުރެއްވި އަދި ރާއްޖޭގައި އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތް ކުރެއްވި ޑޮކްޓަރެވެ. އަވަހާރަވީއިރު އޭނާގެ އުމުރުފުޅަކީ 79 އަހަރެވެ. އޭނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި މުސްކުޅި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ޑރ. ލަތީފު ކިޔަވައިވިދާޅުވެފައި ވަނީ ކޮޅުނބުގެ ސެންޓް ޕީޓާސް ކޮލެޖުންނެވެ. އިންޑިއާ އިން އެމްބީބީއެސް ހާސިލުކުރައްވައި 1967 ގައި ރާއްޖެ ވަޑައިގެން ޑރ. އަހްމަދު ލަތީފް އެންމެ ފުރަތަމަ ހިދުމަތް ކުރެއްވީ ސަރުކާރު ހޮސްޕިޓަލުގައެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެން ގަވަމަންޓް ހޮސްޕިޓަލް (ފަހުން ސެންޓްރަލް ހޮސްޕިޓަލް) ގައި ހިދުމަތްކުރެއްވިއެވެ. ގަވަމަންޓް ހޮސްޕިޓަލްގައި ހިދުމަތްކުރެއްވި ފުރަތަމަ ޑޮކްޓަރުންގެ ބެޗުގައި ޑރ. އަބްދުއްރަޝީދާއެކު ޑރ. ލަތީފުވެސް ހިމެނިވަޑައިގަތެވެ. އެ ދުވަސްވަރު އޮނަރަބަލް މޫމިނާ ހަލީމާއި އައިޝަތު އިބްރާހިމް ދީދީ އާއި ނަސީމާ މުހައްމަދު ކަލޭފާނާއެކު ޑރ. ލަތީފު ވަނީ ގަވަމަންޓް ހޮސްޕިޓަލްގައި ހިދުމަތް ކުރައްވައިފައެވެ. އޭގެ ފަހުން އިނގިރޭސިވިލާތަށް ކިޔަވާ ވިދާޅުވުމަށް ވަޑައިގެން އޭނާ ލަންޑަނުގެ ހޮސްޕިޓަލުތަކުގައި ސާޖަންއެއްގެ ގޮތުގައި ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ހިދުމަތް ކުރެއްވިއެވެ. ހަމައެހެންމެ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ޑރ. ލަތީފު މެޑިކަލް ދާއިރާއިން ރިޓަޔަރ ކުރައްވިއެވެ. ޑރ. ލަތީފުގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ. ޖަނާޒާގައި އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިން ބައިވެރިވިއެވެ. ޑރ. ލަތީފަކީ މަޝްހޫރު ދިވެހި ބޭސްވެރިޔާ މަރުހޫމު ގައްދަޑު ލަތީފުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. އަދި އެތެރެހަށީގެ މަޝްހޫރު ޑޮކްޓަރު ޑރ. އަލީ ލަތީފާއި ޑރ. ފާތިމަތު އަލިދީދީގެ ބޮޑުބޭބެއެވެ. އެ އާއިލާގައި މިހާރުވެސް ހަތަރު ޑޮކްޓަރަކު އެބަ ތިއްބެވިއެވެ. ޑރ. ލަތީފް އަވަހާރަވި އިރު ދެ އަންހެން ބޭފުޅުންނާއި ކާފަ ވިދާޅުވާ ތިން ބޭފުޅުން އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ