އެމްއާރްއެމް އިން ވަކި ޕާޓީއަކާ ދެކޮޅަށް މަސައްކަތް ނުކުރާނެ: މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަކީ ވަކި ޕާޓީއަކާ ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ އެމްއާރްއެމްގެ ފުރަތަމަ "ނެޝަނަލް ކޮންވެންޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އެމްއާރްއެމް އިން ބޭނުން ވަނީ ރާއްޖޭގެ ހުރިހާ މުއައްސަސާތަކާއި ޖަމާއަތްތަކާއި ފަރުދުން ވެސް އެކުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު ގައުމުގެ ތަރައްގީ އަށް މަސައްކަތްކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ރާއްޖެ އަކީ ސުލްހަވެރި، އެކުވެރި އަދި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ގައުމަކަށް ވުމަކީ ވެސް އެމްއާރްއެމް އިން ބޭނުންވާ ގޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެމްއާރްއެމް އަކީ ވަކި ބަޔަކާ ނުވަތަ ވަކި ޕާޓީއަކާ ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫން. އަބަދުވެސް އިސްކަން ދޭނީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން އަދި އެހެން ޕާޓީތަކާ ވެސް ގުޅިގެން ގައުމުގެ މަސްލަހަތަށްޓަކާ މަސައްކަތް ކުރުމަށް" މައުމޫން ވިދާޅުވި އެވެ.
އެމްއާރްއެމް އަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ބައިވެރިއެއްކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ އެމްއާރްއެމް އިން މަސައްކަތް ކުރާނީ ކޯލިޝަން ވަރުގަދަކޮށް ގައުމުގެ ކުރިއެރުމާއި، ތަރައްގީއަށް ކަމަށެވެ. އަދި އެ ޕާޓީގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އޮންނާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
އެމްއާރްއެމްގެ ނޭޝަނަލް ކޮންވެންޝަންގައި ވަނީ އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވަނީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ