މިއަހަރު މާލޭ ސަރަޙައްދުގައި އަލަށް ހުޅުވި ފުރަތަމަ ސްކޫލް ހުޅުވައިފި

މިއަހަރު މާލޭ ސަރަޙައްދުގައި އަލަށް ހުޅުވި ފުރަތަމަ ސްކޫލް އިއްޒުއްދީން ސްކޫލް މިއަދު ހުޅުވައިފިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު އިއްޒުއްދީން ސްކޫލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.
ދިރާސީ އަހަރުގެ ކިޔެވުން އިއްޒުއްދީން ސްކޫލްގައި ފެށީ 240 ކުދިންނާއެކުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި ސްކޫލުގައި 26 ޓީޗަރުން ކިޔަވައިދޭނެކަމަށެވެ.
ޢިއްޒުއްދީން ސްކޫލުގައި ކިޔަވައި ދިނުމަށް މިވަގުތު ހަމަޖެހިފައިވަނީ ގްރޭޑް 1 އިން ފެށިގެން 6 އާ ހަމައަށެވެ. އެހެންނަމަވެސް މި ސްކޫލުގައި ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭން ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އިއްޒުއްދީން ސްކޫލުގައި ގްރޭޑް 1 އިން 4 އަކަށް ކޮންމެ ގްރޭޑެއްގައި 3 ކްލާސް ރޫމް ހިނެެއެވެ. ގްރޭޑް 5 އަދި 6 ގެ ކޮންމެ ގްރޭޑެއްގައި 2 ކްލާހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޫލްގައި ކޮންމެ ކްލާހެއްގައި ގިނަވެގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 25 ކުދިންނަށްކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އިއްޒުއްދީން ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާއަށް އަންނަ އެންމެ ބޮޑު އީދަކީ ދިރާސީ އާއަހަރު ފެށޭ ދުވަސްކަމަށެވެ. މި ސްކޫލު ނިސްބަތްވާ ދޮންބަންޑާރައިންނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިިނިސްޓަރ ވިދާޅުވީ މި ސްކޫލުގެ ބެޖުން ރަމްޒު ކޮށްދެނީ ދޮންބަންޑާރައިންގެ އައްޑަނަކަމަށެވެ.
މުޅިން އަލަށް ސްކޫލެއް ހިންގަން މިފަދައިން ލިބޭ ފުރުސަތުގެ ބޭނުން ސްކޫލުގެ މެނޭޖްމަންޓުން ހިފުމަށް އެދި ވަޑައިގެން މިނިސްޓަރ ވަނީ ދެތިން އަހަރުގެ ތެރޭގައި އިއްޒުއްދީން ސްކޫލަކީ، މި ސަރަހައްދުގެ ގަދަ ތިނެއްގައި ހިމެނޭ ސްކޫލަކަށް ހެދުމަށް ދަރިވަރުންނާއި މުއައްޒަފުން ގަދަ އަޅާ މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް، އިސްމާއިލް ނަސީމް ވިދާޅުވީ މި ސްކޫލަކީ ސަރުކާރުގެ ސްކޫލުތައް އެއްދަންފަޅިއަށް ކިޔަވައިދެއްވުމަށް ހިންގަވާ ސިޔާސަތުގެ ދަށުން މާލޭގައި ފުރަތަމަ ހުޅުވި ސްކޫލުކަމަަށާއި މި ސްކޫލު ހުޅުވިގެން ދިޔުމުން ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އުންމީދުތަކެއްގައި ކުލަޖެހިގެންދާނެ ދުވަހެއްކަމުގައި ވިދާޅުވިއެވެ. އަދި މި ސްކޫލުހުޅުވިގެން ދިޔުމުގައި ސަރުކާރުން މަސައްކަތްކުރެއްވި ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.
ކުރިން މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގައި ޢިއްޒުއްދީން ސްކޫލު ހުޅުވާފައިވާއިރު މިއީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދޭ ސްކޫލެކެވެ.
އިއްޒުއްދީން ސްކޫލް ނިސްބަތް ވަނީ ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ދޮންބަންޑާރައިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ