އަހުމަދު މޫސާ ޕީޕީއެމާއި ގުޅިވަޑައިނުގެންނެވުމަށް ނިންމަވައިފި

ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ ޕީޕީއެމާއި ގުޅިވަޑައިނުގެންނެވުމަށް ނިންމަވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަހުމަދު މޫސާ ވިދާޅުވީ މިވަގުތު އަދި އެއްވެސް ޕާޓީއަކާއި ގުޅެން ބޭނުން ނުވާ ކަމަށާއި ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އަހުމަދު މޫސާ ޕީޕީއެމާއި ގުޅިވަޑައިނުގަންނަވަން ނިންމެވި އިރު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދާއި ގުޅޭން އުޅޭ ކަމަށް ހަބަރުތައް ދަނީ ފެތުރެމުންނެވެ. ސީއެންއެމުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވި ގުޅެން ޖެހިއްޖެ ނަމަ ގުޅީވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެހަބަރުތައް އޭނާ ދޮގެއް ނުކުރައްވައެވެ.
"އަޅުގަނޑު މިހާރު މިދަނީ ސަރުކާރާއެކު އަޅުގަނޑުގެ ދާއިރާއަށް ކަންތައްތަކެއް ކޮށްދެވޭތޯ، ޕާޓީއަކާއި ނުގުޅޭނެއެކޭ ވެސް ނޫން، ގުޅެން ޖެހިއްޖެ ނަމަ ގުޅޭނަން،" އަހުމަދު މޫސާ ވިދާޅުވިއެވެ.
އޭނާ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ ސިއްރު ވޯޓު މައްސަލާގައެވެ. ޕީޕީއެމާއި ގުޅިވަޑައިނުގެންނެވުމަށް ނިންމެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރުގެ ކެމްޕޭންތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ