މުއްދަތު ހަމަވިފަހުން ހުށަހެޅުމުން ވެސް މުއްރަތުގެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ނިންމައިފި
ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލިކަން ސާބިތުވެ މ. މަސްރޫރާ އަހުމަދު މުއްރަތުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް އިސްތިއުނާފްކުރަންޖެހޭ މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. ނަޖީބު މަރާލިކަން ސާބިތުވެ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން މަރުގެ އިއްވީ މުއްރަތުގެ އިތުރުން އޭނާގެ އޭރުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާމް ފާތިމަތު ހަނާގެ މައްޗަށެވެ. އެ މައްސަލަ އިސްތިއުނާފްކުރަންޖެހޭ 90 ދުވަސް ހަމަވީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އެ މައްސަލަ މުއްރަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އެ މުއްދަތު ފާއިތުވި ފަހުންނެވެ. މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. މުއްދަތު ހަމަވާފަހުން ހުށަހަޅާ މައްސަލަ ވެސް ބަލައިގަތުމަށް ނިންމުމުގެ ބާރު ހައި ކޯޓުގެ ގަވާއިދުން ހައި ކޯޓުގެ ފަނޑިޔާރުންނަށް ލިބިދެއެވެ. މުއްރަތާއެކު މަރުގެ ހުކުމް އިއްވާފައިވާ ހަނާގެ ހުކުމް ވެސް އޭނާގެ ފަރާތުން ވަނީ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް ހަނާ އެ މައްސަލަ ހުށަހެޅީ 90 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ. ހަނާގެ މައްސަލަ ވެސް ބަލައިގަތުމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ދެ މީހުން ވެސް ވަނީ ގޮނޑިއެއްގައި ބަނދެފައި ނަޖީބު ބެއިންދި ކަމާއި ނަޖީބަށް ވަޅިއަކުން ހަމަލާދިން ބުނެ އެ ދެ މީހުންގެ މައްޗަށް އުފުލި ދައުވާ އަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. ނަމަވެސް ހަނާ ބުނިގޮތުގައި ނަޖީބް މަރާލުމުގައި ހަނާގެ ހަމައެކަނި ދައުރަކީ ގޮނޑިއެއްގައި ނަޖީބް ބަނުމެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ ނަޖީބަށް އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމެއް ނުކުރެވުނީ ހަނާ އޭނާ ބަނުމުގެ ސަބަބުން ކަމަށްވާތީ އެ މަރުގެ ޒިންމާ ހަނާ ވެސް ނަގަންޖެހޭނެ ކަމަށެވެ. މުއްރަތު ބުނެފައިވަނީ އޭނާ ނަޖީބަށް ހަމަލާދިނީ އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުއްޓާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އަމިއްލަ އިހުތިޔާރުގައި މަސްތުވެގެން ހުރެ ކުރާ ކުށުގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެ ކަމަށެވެ. ނަޖީބަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ޝަރީއަތް ހިންގާ އެ މައްސަލައިގެ ހުކުމްކުރީ އެ މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ފަހުގެ ތާރީހެއްގައި މަރުގެ މައްސަލައެއްގެ ޝަރީއަތް އެންމެ އަވަހަށް ނިންމި މައްސަލައެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގެ ދަށު ކޯޓުތަކުން އިއްވި ހުރިހާ މަރުގެ ހުކުމްތަކެއް ވެސް ވަނީ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލައިނިމި ހައި ކޯޓުން މިހާތަނަށް ހުކުމްކޮށްފައެއް ނުވެއެވެ. މިދިޔަ ހޯމަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މީހަކު މެރުމަށް ހުކުމްކޮށްފަ އެވެ. އެއީ ފުލުހުން ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސާބިތުވި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ