އެމްޑީޕީ ކައުންސިލަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

ތ. އަތޮޅު ކައުންސިލްގައި ހިމެނޭ ހަމައެކަނި އެމްޑީޕީގެ ކައުންސިލަރު މައުމޫން ސުލައިމާންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެކައުންސިލުން ކަނޑައަޅައިފި އެވެ.
ތ. އަތޮޅު ކައުންސިލުން ނެރެފައިވާ ގަރާރެއްގައި ބުނެފައިވަނީ މައުމޫނު ސުލައިމާނުގެ މައްޗަށް ޖިނާއީ ހުކުމެއް ތަންފީޒުކޮށްފައިވުމުން އޭނާގެ ކައުންސިލަރު ކަމުގެ ޝަރުތު އުނިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ވިދިވިދިގެން ހަތް ޖަލްސާއަށް ވުރެ ގިނަ ޖަލްސާ އަށް މަގުބޫލު އުޒުރެއް ނެތި އޭނާ ހާޒިރުވެފައިވެސް ނުވާ ކަމަށެވެ.
އެހެންކަމުން ކައުންސިލްގެ މެންބަރުކަމުން މައުމޫން ވަކިވެފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ފަސް މެންބަރުން ސޮއިކޮށް ނެރުނު ގަރާރުގައި ވަނީ ބުނެފައެވެ.
ފުލުހަކަށް ހަމަލާދިންކަމުގެ ކުށް ސާބިތުވެ ވިލުފުށީ ދާއިރާގެ ތ. އަތޮޅު ކައުންސިލަރު މައުމޫން ސުލައިމާން މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ވަނީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށާއި 5000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ.
ތ. އަތޮޅު ކައުންސިލްގައި ހިމެނޭ ހަމައެކަނި އެމްޑީޕީގެ ކައުންސިލަރު މައުމޫން ސުލައިމާންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެކައުންސިލުން ކަނޑައެޅި ނަމަވެސް ކައުންސިލް ތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ އޭނާގެ ގޮނޑި އަދި ގެއްލިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ