ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނާއި ހިލާފަށް އެމަނިކުގާނު ކުރައްވާފައިވާކަމަށް ކަންތައްތަކެއް ހުރިކަމަށް ބުނެ ހުށަހަޅުއްވާފައިވާ މައްސަލަ ބަލާ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް ސިންގަންފޫރުގައި ބާއްވަން ނިންމާފައިވަނީ އެގޮތަށް އެކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތި ކަމަށް ކެނދިކޮޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަހުމަދު އީސަ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ބަލާ ކޮމެޓީގެ ބައްދަލުވުމެއް ސިންގަންޕޫރުގައި ބާއްވަން ނިންމާ އެބައްދަލުވުމަށް ރައީސް ނަޝީދު ހާޒިރުކުރަން ނިންމާފައިވަނީ ޒިންމާދާރުކަމެއްނެތް ގޮތެއްގައި ކަމަށެވެ.
"ރައީސް ނަޝީދު ހުންނެވީ ރާއްޖޭގައި. ރާއްޖޭގައި ހުންނެވި ބޭފުޅަކު ހާޒިރުކުރާ ބައްދަލުވުމެއް ސިންގަންޕޫރުގައި ބާއްވަންޖެހޭ ސަބަބެއް ނެތް. މިއީ ވަރަށް ދެރަ ބޮޑު މައްސަލައެއް. މާފަރުގައި މި ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނިކޮށް، އެކޮމެޓީން އެގޮތަށް އަމަލުކުރީތީ ހިތާމަކުރަން. މާފަރުގައި މިކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ނިންމީ އެކަށީގެންވާ ސަބަބެއް އޮވެގެން،" އަހުމަދު އީސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާފަރު ރައްޔިތުން ކުރަމުންދާ އިހުތިޖާޖާގުޅިގެން އެރަށުގައި ކޮމެޓީގެ ބައްދަލުވުމެއް ބާއްވަނީ ކޮމެޓީއަށް އެރަށު ރައްޔިތުން ހާޒިރުކުރުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ހަރަދު ކުޑައީ ކޮމެޓީގެ ބައްދަލުވުމެއް އެރަށުގައި ބާއްވާ އެރަށު ރައްޔިތުންގެ ޝަކުވާގެ އަޑު އެހުމުން ކަމަށެވެ.
"ނަމަވެސް ސިންގަންޕޫރުގައި ކޮމެޓީގެ ބައްދަލުވުން ބާއްވަން ޖެހޭ އެފަދަ ސަބަބެއް ނެތް. ހަރަދަށް ބަލާއިރު މާފަރުގައި ބޭއްވުމާއި ސިންގަންފޫރުގައި ބޭއްވުމާ އުޑާބިމާ ތަފާތު. އަނެއްކާ މާފަރުގައި މި ބާއްވަނީ އެކަށީގެންވާ ބޮޑު ސަބަބެއް އޮވެގެން. ނަމަވެސް ސިންގަންޕޫރުގައި ބާއްވަނީ އެފަދަ އެއްވެސް ސަބަބެއްނެތި،" އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ބަލާ ކޮމެޓީގެ ބައްދަލުވުމެއް ސިންގަންޕޫރުގައި ބާއްވަން ނިންމުމުން އެ ފަދަ ސަގާފަތެއް ފެށިދާނެކަމަށް ވިދާޅުވެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަން ބޮޑުވުން ފާޅުކުރައްވާފައިވީ ނަމަވެސް މާފަރުގައި ބާއްވަން ނިންމާފައިވާ ކޮމެޓީގެ ބައްދަލުވުން އެގޮތަށް ކުރިއަށްގެންދަން ފެންނަ ކަމަށެވެ. އީސަގެ އެ ވާހަކަތަކަށް ޕީޕީއެމުގެ މެމްބަރ އަހުމަދު ނިހާނު ވަނީ ތާއިދު ކުރައްވާފައެވެ.
ކޮމެޓީގެ ބައްދަލުވުމުގެ މައްސަލަ ފެންމަތިވީ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހީމް މުހައްމަދު ސޯލިހު ކަން ބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މެޖޯރިޓީ ލީޑަރގެ ކަން ބޮޑުން ފާޅުކުރެއްވުމުން ކޮމެޓީއާ ހިއްސާކުރެއްވީ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ ކޮމެޓީން ކަމަށެވެ.
"ކޮމެޓީން ގޮތެއް ނިންމާނީ. ބަޖެޓުގައި ފައިސާނެތް މައްސަލަ ބޮޑުވެގެން އުޅޭއިރު މި ފަދަ ސަގާފަތެއް ގާއިމުވުވެދާނެތީ ކަން ބޮޑުވުން ފާޅުކުރައްވާފައި ސިޓީއެއް ފޮނުއްވީމަ އަޅުގަނޑު ކޮމެޓީއާ ހިއްސާކުރެއްވީ. ގޮތެއް ނިންމާނީ ތިޔަ އިއްޒަތްތެރި މެމްބަރުން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މާފަރުގައި ބާއްވަން ނިންމީ އެ ކޮމިޓީގައި ތިއްބަވާ އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އޭނާ ވިދާޅުވީ މާފަރާއި ސިންގަޕޫރުގައި، އަދި "އެންޓާޓިކާގައި ވެސް" މަޖިލީހުގެ ކޮމިޓީއެއް ބާއްވަން މަޖިލީހުގެ ގަވާއިދު ތަންދޭ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ "އެކަމަކު ދައުލަތުގެ ބަޖެޓުގެ ކަންބޮޑުވުން އުޅޭއިރު، މެމްބަރުން ނިންމުން ނިންމާއިރު، ހުދޫދެއް އޮންނަންވާނެ" އެވެ.
އަލީ ވަހީދު އެވާހަކަ ވިދާޅުވުމުން މާފަރުގައި ބާއްވަން ނިންމާފައިވާ ކޮމެޓީގެ ބައްދަލުވުން އެރަށުގައި ބާއްވަން ޖެހޭނެކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.
ސިންގަންޕޫރުގައި ބައްދަލުވުން ބާއްވަންޖެހޭ ސަބަބެއް ނެތް: އަހުމަދު އީސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ