ވަރކްސް ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏަކަށް 4 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި

ވަރކްސް ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏެއް ކަމައްވާ ސީޕީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 4.4 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ސީޕީއެސް މޯލްޑިވްސް ކޮށްފައިވާ ދައުވާގައިވަނީ، ސިނާއީ ބޭނުމަށް އަލަށް ތަރައްގީކުރާ ކ.ގުޅީފަޅުގައި ރިވެޓްމަންޓް މަސައްކަތް ކުރުމަށް ވަރކްސް ކޯޕަރޭޝަން ލިމިޓެޑަށް ތިންވަނަ އެހެން ފަރާތަކުން ހަވާލުކުރި ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ބޭނުންވާނޭ ތަކެތި ސަޕްލައިކޮށްދިނުމަށް 10 އޮކްޓޫބަރ 2010 ވަނަ ދުވަހު ސީޕީއެސް އާއި ވަރކްކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ އަދާނުކޮށްވާ ފައިސާ އާއި ފައިސާ ނުދައްކައިވާ ދުވަސްތަކަށް އަރާފައިވާ ޖޫރިމަނާ ފައިސާ ހޯދުމަށް ކޮށްފައިވާ ދައުވާއެކެވެ.
އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ ދައްކަންޖެހޭ ފައިސާ ވާކަމާމެދު ވަރކްސް ކޯޕަރޭޝަނުން އިންކާރުކޮށްފައިނުވާކަމަށާއި، މިނުކުތާގައި ދައުވާލިބޭ ފަރާތުން އިންކާރުކޮށްފައިވަނީ އެމެރިކާ ޑޮލަރުން ފައިސާ ހޯދުމަށް ދައުވާކޮށްފައި އޮތުމުގެ މައްޗަށްކަމަށާއި، ދެފަރާތްމެދު ކުރެވިފައިވާ އެއްބަސްވުމުގައި ފައިސާ ދައްކަންޖެހެނީ ދިވެހި ރުފިޔާއިންކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
ނަމަވެސް ދެފަރާތުގެ މެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދެފަރާތްދެމެދު ކުރެވިފައިވާ މުއާމަލާތުގައި މީގެ ކުރިން ދިވެހި ރުފިޔާގެ ބަދަލުގައި އެމެރިކާ ޑޮލަރުން އިންވޮއިސް ބަދަލުކުރެވި، އެކަމުގެ މައްޗަށް ޝަކުވާއެއް ނެތުމުންނާއި، އަދި އެއީ ދެފަރާތްދެމެދު ބަލައިގަނެފައިވާ އުސޫލެއްކަމަށް ބެލެވެން އޮތުމުން، އެމެރިކާ ޑޮލަރުން ފައިސާ ހޯދުމަށް އޮތް އޮތުމަކީ އޭގެ ޒާތުން ދައުވާ ނަފީވާންޖެހޭ ސަބަބެއްކަމަށް ބެލެވެން ނެތްކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.
ވަރކްސް ކޯޕަރޭޝަނުން ސީޕީއެސް މޯލްޑިވްސް އަށް ނުދައްކައިވާ 286,649.23 ޑޮލަރުގެ އިތުރުން ނުދައްކައިވާ ޖޫރިމަނާ ފައިސާކަމުގައިވާ 4,130,797.70 ޑޮލަރާއެކު ޖުމްލަ 4,417,446.93 ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ރުފިޔާ 21 މެއި 2012 ވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަމެ އެމަހަކަށްޖެހޭ އަދަދުށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ކޯޓުގެ ހުކުމުގައިވެއެވެ.
މިމައްސަލައަކީ 27 ފެބްރުއަރީ 2012 ސީޕީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ