ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދެއްކޭނެ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އިރު ކަރަންޓު ބިލް ދެއްކި މީހުންގެ އަދަދު މަދުކަމަށާއި މިދިޔަ ހަތަރު މަހުގެ ބިލު އެކި މަސްތަކަށް ބަހާލައިގެންދެއްކޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި ބިލު ދެއްކީ ގާތްގަނޑަކަށް 30 ޕަސެންޓު ކަސްޓަމަރުން ކަމަށެވެ. މިއީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކުރުމާ ގުޅިގެން އައި ބަދަލެއް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ މިދިޔަ ހަތަރު މަހު ބިލް ދައްކަން ދަތިވެފައިވާ މީހުންނަށް، ބަހާލައިގެން އިންސްޓޯލްމަންޓަށް ބިލުތައް ދެއްކުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުން ވެސް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އެ ކުންފުންޏާ ހަވާލު ކުރަން އޭނާ އެދިވަޑައިގަތެވެ.
"މާޗު، އޭޕްރިލް، މެއި، ޖޫން މި ހަތަރު މަހުގެ ބިލުގެ ތެރެއިން ބިލެއް ނުދެއްކިވާ ނަމަ ނޫނީ، ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ކުންފުންޏަށް ފޯމެއް ފުރާފައި ލީމާ އެކަން ހަމަޖެހޭނެ،" މުޣުނީ ވިދާޅުވިއެވެ.
އިންސްޓޯލްމަންޓަށް ބިލް ދައްކަން އެދޭ ކަސްޓަމަރުންނަށް ބިލު ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ހާލަތު ބެލުމަށް ފަހު ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.
ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކުގެ ކަރަންޓު ބިލް ވެސް މިގޮތަށް ބަހާލައިގެން ދެއްކޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ