ވިލިމާލެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށައި، ދެ އަހަރުތެރޭ ނިމޭނެ: މުއްތަލިބު

އަންނަ އަހަރުގެ މެދުތެރޭ ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށައި، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ. ވިލިމާލޭ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގައި ގިނަ މަރުހަލާތަކެއް އެކުލެވޭ ކަމަށެވެ. އެގޮތުން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނީ އޭގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ މި ހޮސްޕިޓަލު މިހާރު އޮތީ ޑިޒައިން ކޮންސަލްޓަންޓެއް ޓެންޑާކުރުމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ފައިނަލްކުރުމަށް ބަޔަކު ހޮވާފައި ކަމަށާއި، އެ ޓީމުން އަންނަ ޑިސެމްބަރު މަހު ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެތެރޭ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަސްމަސް ދުވަސް ނިމިގެން ދާއިރު ކޮންޓްރެކްޓަރު ހުރީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މެދުތެރޭގަ ތިންވަނަ ކުއާޓަރަށް ދާއިރު އަމަލީ މަސައްކަތް ފެށި، އަޅުގަނޑު ގަބޫލުކުރަނީ ދެ އަހަރު ދުވަހުގެ ތެރޭ އެންމެ ގިނަވެގެން މަސައްކަތް ނިމިގެން ދާނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އާ ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު، ޒަމާނީ ހުރިހާ ވަސީލަތެއް ގާއިމްވެފައި ހުންނާނެ ކަމުގެ ޔަގީންކަން މުއްތަލިބު ދެއްވިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު ސޮއިކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅެވެ. 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް'ގެ ނަމުގައި އިމާރާތްކުރާ މި ހޮސްޕިޓަލުގައި 112 އެނދު ހުންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވިދާޅުވީ، މި މަޝްރޫއުއަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލާ އެކު ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ