ދިވެހި މުޖުތަމައު ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން އަޅާފައިވާ "ޖެނެރޭޝަން ބޭން" އާ ގުޅިގެން މީޑިއާތަކުގެ ހިއްސާއާ އެކު ކުރިއަށްގެންދާ ހާއްސަ ތެލެތޯން މިއަދު ފަށައިފިއެވެ.
ރާއްޖޭގެ މީޑިއާތައް ގުޅިގެން މި ހާއްސަ ތެލެތޯން ކުރިއަށްގެންދަނީ، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ދިވެހިންނަށް މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާތީވެ، އެކަމާ ގުޅިގެން މުޖުތަމައު އަހުލުވެރިކުރުވުމުގެ ގޮތުންނެވެ. މާދަމާ ރޭ ދަންވަރު 12 ޖެހުމާ ހަމަޔަށް ކުރިއަށްގެންދާ މި ތެލެތޯނުގައި މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުން ކުރިއަށްގެންދާނެއެވެ.
މި ތެލެތޯން ދައުލަތުގެ މީޑިއާގެ އިތުރުން ރާއްޖޭގެ ގިނަ މީޑިއާތަކުން ފޮނުވަމުންދާއިރު، ތެލެތޯންގައި ކަމާބެހޭ އިދާރާގެ ފަންނީ ބޭފުޅުން ތެލެތޯނަށް އަރައި މައުލޫމާތު ދިނުން ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ސިއްހީގޮތުން ދުންފަތުން ލިބޭ ގެއްލުންތައް ކަމާގުޅޭ ޑޮކްޓަރުންގެ ފަރާތުންނާއި، އަދި ދީނީގޮތުންނާއި އިޖުތިމާއީ ގޮތުންވެސް މައުލޫމާތު ގެނެސްދޭނެއެވެ.
ތެލެތޯންގައި ސްކޫލް ދަރިވަރުންނާއި އާއްމުންގެ އިތުރުން ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ފަރާތްތަކުގެ ޝުއޫރުތައްވެސް ފެނިގެންދާނެއެވެ.
ތެލެތޯންގެ ތެރެއިން ޖެނަރޭޝަން ބޭންއާ ގުޅުވައިގެން 24 ގަޑިއިރުގެ ދުވުމުގެ ހަރަކާތް މިއަދު ހަވީރު 16:00 ފެށިގެން މާދަމާގެ އެ ގަޑިއާ ހަމަޔަށް ވަނީ ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މި ދުވުމުގެ ހަރަކާތް ކުރިއަށްދާއިރު ތަފާތު ހަރަކާތްތައް އެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިކަން އިންތިޒާމުކުރާ ޓީމުން ބުނެއެވެ.
ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފެށުމާއެކު 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެ އުމުރުފުރައިގެ ކުދިންނަށް ދުންފަތުގެ އިސްތިއމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ވިއްކުން ޤާނޫނީގޮތުން މަނާވީއެވެ.
    
    މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ "ޖެނަރޭޝަން ބޭން" ތެލެތޯން ފަށައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            