އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މިދިޔަ ހަފުތާގައި ޝާއިއު ކުރެއްވި ބައެއް ޕޯސްޓުތަކާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށް އިލޯން މަސްކް އިއްޔެ ޓްރަމްޕަށް ގުޅުއްވައި ވިދާޅުވެއްޖެ އެވެ.
އެ ކޯލުގެ ދިގު މިނަކީ ހިނދުކޮޅެކެވެ. މަސްކް ރައީސް ޓްރަމްޕަށް ގުޅުއްވީ ނައިބު ރައީސް ޖޭޑީ ވެންސް އާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސުސީ ވިލްސް މިދިޔަ ހުކުރު ދުވަހު މަސްކްއާ ފޯނުން ގުޅުއްވައި ވާހަކަދެއްކެވުމަށް ފަހު ކަމަށް ސީއެންއެން އިން ބުންޏެވެ. މަސްކް ޓްރަމްޕަށް ގުޅުއެްވުމުގެ ކުރިން އެ ތިން ބޭފުޅުން ވާހަކަ ދެއްކެވީ ރައީސް އާއި މަސްކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފިނިކުރުމަށެވެ.
ފޯނު ކޯލުތަކަށް ފަހު މަސްކް ވަނީ އޭނާ ޓްރަމްޕާ ބެހޭ ގޮތުން ކިއުއްވި ފާޑުކިއުންތަކުން ފަހަތަށް ޖެހިވަޑައިގެންފަ އެވެ. އަދި ރައީސާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ޝާއިއުކުރައްވާފައިވާ ބައެއް އެކްސް ޕޯސްޓުތައް ޑިލީޓް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި އަދި ޓްރަމްޕް އިމްޕީޗު ކުރަން ޖެހޭ ކަމަށް ވިދާޅުވި ޕޯސްޓުތައް ހިމެނެ އެވެ.
މަސްކް އޭނާގެ އެކްސްގައި ވިދާޅުވީ ބައެއް ޕޯސްޓުތައް "މާ ދުރަށް ދިޔަ" ކަމަށެވެ.
"މިދިޔަ ހަފުތާގައި ރައީސް ޓްރަމްޕާ ބެހޭ ގޮތުން އަޅުގަނޑު ކުރި ބައެއް ޕޯސްޓުތަކާ މެދު ހިތާމަކުރަން. އޭގައި މާ ދުރަށް ދެވިފައިވަނީ،" މަސްކް ވިދާޅުވި އެވެ.
ޓްރަމްޕަށް ގުޅުއްވައި ކުރެވުނު ކަންކަމާ މެދު ހިތާމަކުރައްވާ ކަމަށް މަސްކް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ