ކުށްވެރިޔާ 67
"މާ އަވަހަށް އުފާވެރި ޚަބަރުތައް އެހެން މީހުންނާއި ހިއްސާ ނުކުރާށެވެ. ބައެއްފަހަރަށް ހަސަދަވެރިކަމުގެ ނުބައިކަމުގެ އަސަރު ތިބާގެ އުފާތަކަށް ހުރަސް އަޅާފާނެއެވެ." *** "ފްލައިޓް ނައްޓައިލުމާއެކު ބޮކިތައް ނިވައިލާ ކެބިންތެރެ އަނދިރިކޮށްލުމުން މައިރާ ގުރުއާން ކިޔަވަން ފެށުމުން ޒަވިއާރު ބޭނުންވީ ނިދައިލުމަށެވެ. އަހެދްވެސް ކުޑަދޮރުގައި ބޯ ޖައްސައިލުމަށްފަހު ކުޑަކޮށް ލޯ މަރައިލިއެވެ. އަނެއް ފަޅީގައި އިން މުރުތަސިމް ބޭނުންވީ މާފަށް އެދުމަށެވެ. އޭނަގެ ބޭވަފާތެރިކަން ހާމަކުރުމަށެެ. އެކަމަކުވެސް އެލަފުޒުތައް ދުލުން ބުނެލަން އެހާ ފަސޭހައެއްނޫނެވެ. އެވަގުތު ފޯނު ދިއްލުމުން ބަލައިލެވުނެވެ. "ދުޢާތައްކުރިއިރު އަހަރެންގެ މަތިން ހަނދާން ކުރިންތަ؟" އޭނަ އެތައް އިރެއްވާންދެން އެ މެސެޖަށް ބަލަހައްޓައިގެން އިނދެފައި ލަސްލަހުން ފޯނު ބޭއްވީ ބަންޑުންނެވެ. އޭނަ ދުޢާކުރިކަން ނޭގެއެވެ. އެކަމަކު ޖަވާބުދޭން ތައްޔާރެއްނޫނެވެ. *** މުރުތަސިމް ކާކޮޓަރިއަށްވަންއިރު ކައިލްވެސް ކޮފީއެއް ތައްޔާރުކޮށްލައިގެން އެކަނިމާއެކަނި މޭޒުދޮށުގައި އިނެވެ. މުރުތަސިމްވެސް މެޝިނުން އެޅި ކޮފީ މަގު ހިގައިގެންގޮސް އިށީނީ އަނެއް ފަޅީގައި ހުރި މޭޒުގައެވެ. ވާރޭވެހެމުންދާ އަޑު ކޮންމެވެސް ވަރަކަށް ކާކޮޓަރީގެ ހިމޭންކަން ފުނޑާލާފައިވިއެވެ. ކައިލް ދައްކަންފެށީ މޫސުމްގެ ރީތި ވާހަކައެވެ. ފުޓްބޯޅަ މެޗްގެ ވާހަކަ ފެށިތަނާހެން ޖޫރީ ފްރިޖް ހުޅުވާލާފައި އައިސްކްރީމް ތަށިގަނޑެއް ނެގިއެވެ. "ޢެނގޭތަ؟ އެލީޒީ ބުނި މިގެއަށް އަންނަ ވާހަކަ..." މުރުތަސިމްއަށް ކޮފީތަށީގައި ފިނިވެފައިވާ އިނގިލިތައް ޖައްސައިލެވުނެވެ. "ވަރަށް ސްވީޓް ގާލްއެއް..ސެލެބްރިޓީއަކާއި ބަލާފައި އެއްވެސް ފޮނިގޮތެއްނެތް....މައި ޓައިޕް ހަމަ..." ޖޫރީ ދޫ ނެރެލިއެވެ." އައި ތިންކް....ދެ ކުދިންގެ ސިފައިވާ ރޮބޮޓްސް މިތިބީ...ރިޕްލައި ނާދޭވިއްޔަ...ސޯ ބޯރިންގ...." ޖޫރީ ނުކުތުމާއެކު މުރުތަސިމްގެ ސިކުނޑިއަށް އުދަގޫވަމުންދިޔަ ސުވާލުތަކާއި އޭނައަށް ދިމާވެފައިވާ މައްސަލަ އަށް އުޒުރެއް ދައްކަން ކައިލްގާތުން އަހަން ބޭނުންވިއެވެ. "ކައިލް އަހަންނަށް ފޮރުވައިގެން އުޅުމުގެ މާނައަކީ ކޮބާ؟ އަހަންނަށް އެނގޭ....ހަމައެކަނި ކައިލް އެއްބަސްނުވާކަން..އަހެދްއާއި ކައިލްގެ މާޒީގައި ކޮން ގުޅުމެއް އޮތީ؟" އޭނަގެ އެ ސުވާލުން ކައިލް ކޮށިއަރާގޮތްވިއެވެ. "ލިސެން........." "އާ އަޑުއަހަން މިއިނީ...އަހެދް ދަންނަން ދޯ..." "އާނ..."ކައިލްގެ ކޮނޑުވެސް އޮއްސުނެވެ. މުރުތަސިމްއާއި ހަތަރުކަޅިހަމަކުރަން އުދަގޫވިއެވެ. ކައިލް މަތިމަތިން އޭނައާއި އަހެދްގެ އޮތް ގުޅުން ކިޔައިދީ ނިމުނުއިރު އޭނަގެ މޫނަށް އެތައް ކުލަވަރެއް އަރާ ފޭބިއެވެ."ސިމް. އެއީ މާ ކުރިން ވެ ނިިމިފައި އޮތްކަމެއް. އަހެދް މިގެއަށް އައުމުގެ ކުރިން.." "ކީއްވެ ކުރިން އެވާހަކަ ނުބުނެވުނީ؟ އަހަރެން ކައިވެނިކުރަން އުޅުނީމަ..." "މާޒީގައި ހިނގާފައި އޮތްކަމަކާއިހެދި އެންމެންގެ އުފާތައް ގެއްލުވައިލަން ބޭނުންނުވީ.." "އޯ...އެހެންވެ އޭނަ ކޮންމެގޮތެއް ހަދާފައިވެސް މިގެއަށް އައީ؟ ކައިލް މިގޭގައި ހުރީމަ؟ ކިހިނެއް މަށަށް އިތުބާރުކުރެވޭނީ؟ ތި ދެމީހުންގެ މިހާރު ގުޅުމެއްނެތްކަން ކިހިނެއް ޔަގީނާކުރާނީ....ޔޫ ލައިޑް ޓު މީ...އަހަރެމެން ތިން މީހުން އެއްތަނެއްގައި ތިބިއިރު...އޭރުވެސް" "ޕްލީޒް ސިމް....އެއީ މާޒީ..އަހަރެންވެސް ކައިވެނި ކުރީ. އޭނަވެސް އޭނަ ބޭނުންވާ މީހަކާއި އިނީ. ދެން އަހަރެން އެއްވެސް ކަމަކާއި ނުލާ އެ ވާހަކަ ފަށައިގެން އެންމެންގެ އުފާތަކަށް އެޅޭ ހިޔަންޏަކަށްވާން ބޭނުންނުވީ..." "އަހަރެން މޮޔަ ހައްދަންވެގެން ތި ދެމީހުން ބައިވެރިވެގެން ކުރިކަމެއް ދޯ.. އަހަރެން ނެތިސް ޖޯކު ޖަހާފައި ނުހޭ ކަމެއްވެސް ނޭގޭ..........."މުރުތަސިމް ހަދާންވީ އަހެދް އޭނައާއި ކައިވެނިކުރި ސަބަބެވެ. ޖޫރީގެ ވާހަކަތަކެވެ. އެދެމީހުން ދޭތެރޭގައި އޮތް ފިނި ގުޅުމެވެ. އޭނަގެ ހިތަށް ކުރި ނުބައި އަސަރުތަކެއްގެ ސަބަބުން ފެންކަޅިވާގޮތްވިއެވެ. އިންސާނުންނަށް އިތުބާރުކުރަން ހެޔޮވާނީ ކިހިނެއްހެއްޔެވެ؟ ފަހަތުން އައިސް ބުރަކަށްޓަށް ވަޅި ހަރަން ޖެހިލުމެއްނުވާ ދަރަޖައަށް އިންސާނުންގެ ހާލަތުވަނީ ވެއްޓިފައެވެ. އަމިއްލަ އެދުމުން ފޯވެފައެވެ.ނިގާބުގައި އެގެއަށް އައި އަންހެނާވެސް ވީ ހަމަ މުނާފިގަކަށެވެ. "ސިމް ޓްރަސްޓްމީ. އަހަންނާއި އަހެދްގެ އެއްވެސް ގުޅުމެއްނެތް..އަހަރެންގެ ހިތުގައިވަނީ ހަމައެކަނި....." "އިތުރަށް ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ބޭނުމީ އެކަނިވެލާން......"ރުތަސިމް ކޮފީތަށި މޭޒަށް ޖަހާފައި ހިނގައިގަތީ ރުޅިންގޮސް މޫނުރަތްވެފައިވާ ހާލުގައެވެ. "އައިމް ސޮރީ...ސިމް...."ކައިލް ބުނެލީ މަޑުމަޑުންނެވެ. އޭނައަށް މާޒީގައި ހިނގާފައިވާކަމެއް ބަދަލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެއީ އިންސާނުންގެ ބާރުގައިވާކަމެއްނޫނެވެ. ހަޔާތުގެ ކޮމްޕިއުޓަރުގައި އެފަދަ ފިތެއް އިން ނަމަ އޭނަ އެ ބާބު ފޮހެލިތާ ކިތަންމެ ދުވަހެކެވެ. *** މުރުތަސިމް ބަގީޗާތެރޭގައި ހުރެ ފަހަރަކު ސިގްރެޓެއް ބޮމުން ދިޔައިރު އަނެއް އަތުގައި ކޮފީއެކެވެ. އޭނަ ފޯނުން އެލީޒީއަށް ގުޅައިގެން ހުންނަތާވެސް ގަޑިއެއްހާއިރުވެއްޖެއެވެ. އެލީޒީ ފައުޅުކުރަމުން ދިޔައީ އޭނަގެ ލޯބީގެ މަތިވެރިކަމެވެ. މުރުތަސިމް ކައިވެނިނުކޮށްފިއްޔާ އޭނަ އަމިއްލައަށް މަރުވެދާނެއެވެ. މަރުވާވަރަށް ލޯބިވެސްވެއެވެ. އެއީ ތެދެއްކަން އެކުއްޖާވަނީ ސާބިތުކޮށްދީފައެވެ. ލޯބިވާ އަންހެންކުއްޖަކާ ކައިވެނިކުރުމުން ދިރިއުޅުން މާ ފަސޭހަވާނެއެވެ.އަހެދްއަށްޓަކާ ހިތުގައިވާ އިހުސާސްތަކުގައި ކޮޅުފައިން ޖެހުމުން އޭނަ ހަމަ މަޑުން ހުންނަންވީހެއްޔެވެ؟ އަމިއްލަ ޟަމީރާއި ދެކޮޅަށްވެސް އޭނަ ނިންމީ ކައިވެނީގެ ކަންތައް ކުރިއަސް ގެންދިޔުމަށެވެ. "މައްސަލައަކީ މަންމަށް އެނގުމުން މައްސަލައަކަށް ވެދާނެތީ...ކިހިނެއްބާ ހަދާނީ؟" *** ޒަވިއާރު އޮންލައިންކޮށް ޓިކެޓް ނެގުމަށްފަހު އޭނަގެ މަންމަ ގާތުން ފައިސާ ހޯދަންއެދުނެވެ. އޭނަ ބުނީ އެލޯނު ދައްކާނެކަމުގައެވެ. އެހާ ބޮޑު އަދަދެއް ދެއްކުން ފަސޭހަނުވިޔަސް ޒަހްރާ ތިޖޫރީގައި ފޮރުވާފައި ހުރި ޑޮލަރުތައް ވެސް ދިނެވެ. "މަންމާ. އަހަންނަށް ޔޫކޭއިން ޖޮބް ހަމަޖެހިއްޖެ. އެކޮޅަށް ދާން މިއުޅެނީ...މަންމަވެސް ދޭތެރެއަކުން ގެންދާނަމޭ. އަހަރެންވެސް ހަމަ ވީކެންޑްގައިވެސް ޖައްސައިލާނަން. ޕައުންޑުން މުސާރަ ލިބޭއިރު ބޭނުންހާކަމެއް ފުރިހަމަވާނެއްނު.."ޒަވިއާރު އޭނަގެ މަންމަގެ ގާތުގައި އިށީދެ ކޮނޑުގައި އަތް އަޅުވައިލިއެވެ. "ވަރަށް އުފާވެއްޖެ. އެމެރިކާއިން ނުލިބުނީތަ؟" "އެއީ ދެން މާ ދުރުތަނެއް. މައި ވެސް އެހާ ދުރު ދަތުރުކުރަން ބޭނުމެއްނުވާނެ.." "ޢޯ...މާތްﷲ ދަރިފުޅުމެން އުފަލުގައި ލަހައްޓަވާނެ. ޒަވިއާ ދުވަހަކު އުފާނުވާވަރަށް އުފާވެފައި ހުރިތަން ފެނުމުން މަންމަވެސް ހިތްހަމަޖެހޭ.." މައިރާއަށް އެ ޚަބަރުލިބުމުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ޔޫރަޕްއިން ވަޒީފާ ހޯދައިގެން އެކޮޅަށް ބަދަލުވާން ނިންމިއިރު ޒަވިއާރު އޭނަގެ ޚިޔާލު ހޯދާނުލިއެވެ. ޗުއްޓީއަކަށް ދާވާހަކަ ދެއްކިޔަސް ޔޫކޭއިން ވަޒީފާ ލިބުނު ވާހަކަ ނުބުނެ ސިއްރުކުރީއެވެ. އެހާ ބޮޑުކަމެއް ނިންމާއިރު އޭނަގެ ޚިޔާލު ހޯދައިލުމަކީ ބޭނުންކަމަކަށް ނުވިއެވެ. މައިރާ ކެތްތެރިވިއެވެ. ދުނިޔޭގައި އުޅޭއިރު އިމްތިހާނުތަކާއި ކުރިމަތިވާނެއެވެ. ކައިވެންޏަށްފަހު ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހެއެވެ. ދެރައީ އޭނައަށް އެކަމާއި އެހާ ފަސޭހައިން އެއްބަސްވެވެން ނެތްކަމެވެ. އޭނަވެސް ވަޒީފާއަށް ދާން ބޭނުމެވެ. "މަންމަ އުމްރާއިން އައިގޮތަށް އަދިވެސް އޯކޭއެއްނޫން. ދޭތެރެއަކުން ބޮލުގައި ރިއްސާ..މައިގްރެއިން ނޫނީ ޕްރެޝާގެ ސަބަބުން ހެން ހީވަނީ. ފައިގެ ހުޅާއިހެދި ހިނގަން އުދަގޫ..ލޮލުން ފެން އަންނާތީވެސް މަންމަ އުޅޭ..ބެލެންސް ގެއްލޭކަހަލަ ގޮތެއްވެސް ވެއޭ ބުނެގެން މިއަދުވެސް ޕްރެޝާ ޗެކްކުރިއިރު ވަރަށް މަތި.ލޭތުނިކުރާ ބޭހެއްވެސް އެބަ ނަގާ. އެކަމަކު މަންމަ އެބަބުނޭ ވާހަކަދައްކަން އުދަގޫވެއޭ.....މަންމަ ބަލިއިރު ދޫކޮށްލާފައި އެހާދުރަށް ދާން ޒަވިއާ އަށް މައްސަލައެއްނެތް؟" މައިރާ ރަގަޅު އުޒުރެއް ދައްކަން މަސައްކަތްކުރިއެވެ. "ސޮރީ ޑާލިން. އަހަރެން ރިޒައިން ކޮށްފިން. އެކޮޅުން ޖޮބް ލިބުނީމަ ދެން އެ ޗާންސް ދޫކޮށްނުލެވޭނެ..ގެއެއް ގަނެލައިގެން އެކަނި އުޅެންފެށީމަ ޕީސްއަކީ ކޯނޗެއްކަން މައިއަށް އެނގޭނީ..އެ އުމުރަށް ދިޔައީމަ އެންމެންވެސް ސިއްހީގޮތުން އެކި ކަންތައްތަކާއި ކުރިމަތިވާނެ. އަނެއްހެން މަންމަ ހަމަ ފިޓް....އަހަރެމެން އެއަށްވުރެ މާ ބަލި........އެކި ބަހަނާދައްކައިގެން މައި ތިއުޅެނީ ނުފުރަން. އެކަމަކު އަހަރެންނާއިއެކު ދިރިއުޅެން ބޭނުމިއްޔާ މައި ދާން ޖެހޭނީ...."އޭނަ ގޮތްދޫނުކުރާނެކަން އެނގުމުން މައިރާ ހިމޭންވިއެވެ. ޒަވިއާރު އަމާންކަމާއި ހަމަޖެހުން މާނަކުރާގޮތެއް އޭނައަކަށް ނޭގުނެވެ. އޭނަ ދެކޭގޮތުގައި ލޯބިވާ އާއިލާއާއެކުގައި އުފާވެރި ވަގުތުތައް ހޭދަކުރުމަކީ ހަމަޖެހުމެވެ. މިގެއަކީ ލޯތްބާއި އަމާންކަމާއި އަޅާލުމުގެ މިސާލެކެވެ. *** ޒަވިއާރުއާއި މައިރާ ފުރައިގެން ދިޔުމުން ގޭތެރޭގެ ރޫހު ކޮންމެވެސް ވަރަކަށް ގެއްލުނެވެ. ޒަހްރާ ބޭރުފުށުން އުފާވެރިކަން ފައުޅުކުރިޔަސް އެތެރެހަށީގައި ވަނީ ހިތާމައިގެ އޮއިވަރެއް އުފެދިފައެވެ. ޒަވިއާރު ހުޅަނގުގެ ގައުމަކަށްގޮސްގެން މަގުން ކައްސާލަފާނެތީ އެކަމާއި ކަންބޮޑުވިއެވެ. އޭނައަށް ކުރެވޭނެ ކަމަކީ ދަރިފުޅަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރުމެވެ. ޒަވިއާރުމެންގެ ފްލައިޓް ޔޫކޭއަށް ޖައްސާނެހާ އިރު ކޮށްފައި ވައިބަރއިން ގުޅަން މަސައްކަތްކުރިއެވެ. އެރޭ ތަންކޮޅެއް ދަންވަރު މައިރާ އޭނައަށް ގުޅައިގެން ވާހަކަދެއްކިއެވެ. ސަލާމަތުން އާދެވިއްޖެކަމުގައި ބުނުމުން ޒަވިއާރުއާއި އަނގައިން ބުނަން ބޭނުންވިއެވެ. ޒަވިއާރު ވަރުބަލިވެގެން ނިދިފައި ކަމަށާއި ހޭލުމުން ގުޅަން ބުނާނެކަމަށް ބުނުމުން ފޯނު ބޭއްވިއެވެ. ހަގީގަތަކީ އަމިއްލަ ދަރިފުޅަށްވުރެވެސް އޭނަވެސް ހަނދާންވީ މައިރާގެ މަތިންނެވެ. މައިރާ އޭނަގެ ކަކޫ ހޫނުފެނުން ބޮޑިތާން ކޮށްދީ ލޮލަށް ބޭސްއަޅާދީ ޕްރެޝާ ބަލާފައި ބޯ މަސާޖްކޮށްދީ ހަދައެވެ. މައިރާ ނެތުމާއެކު އެ ޚިދުމަތްތައް ކޮންމެވެސް ވަރަކަށް މެދުކެނޑުނެވެ. އަހެދް އުޅެނީ ގިނަފަހަރު ކޮޓަރި ތަޅުލައިގެންނެވެ. *** އެލީޒީ ޖެހިޖެހިގެން ތިން ދުވަހު އެގެއަށް އައުމުން ޒަހްރާއަށް އެކަން ބޮޑު މައްސަލައަކަށްވިއެވެ. ސަބަބަކީ މުރުތަސިމް އެހާ އަވަދިނެތި އުޅެމުން ގެއަށް އަންނަގަޑިއާއި ދިމާކޮށް އެލީޒީ އެގެއަށް އައުން އާދަކުރުމުންނެވެ. މުރުތަސިމްއާއި އެލީޒީ އަދި ޖޫރީ އެއްކޮށް ބަގީޗާތެރޭގައި ތިބޭއިރު ހީހީފައި އުޅޭގޮތުން ޝައްކު އުފެދުމާއެކު މުރުތަސިމްއާއި ސުވާލުކުރެވުނެވެ. "ދަރިފުޅު ތެދަށް ބުނެބަލަ. ކޮން ގުޅުމެއް އެކުއްޖާއާއި އޮތީ؟" "މަންމާ....އައިމް ސޮރީ.....ނުބުނެވުނީތީ...މިއުޅެނީ އެލީޒީއާއި ކައިވެނިކުރަން. މާކުރިން ވައުދުވެވިފައި އޮތީ.." ޒަހްރާގެ ބޮލަށް އެނބުރުން އެރިއެވެ. "ދަރިފުޅު ކޮންކަހަލަ ކުއްޖަކާއި އިންނަން ތިއުޅެނީ؟ލަވަ ކިޔާ މީހަކާއި.."ޒަހްރާއަށް ގޮނޑިން ތެދުވުނެވެ. "މަންމާ.އެލީޒީ ބަދަލުވެއްޖެ. ދެން މަދަހަ ކިޔާފައި އަލްބަމްތަކެއް ނެރޭނަމޭ ބުނީ...ކުރިން އަޅައިގެން އުޅޭ ހެދުމެއްވެސް ނޫން އަޅަނީ.. މަންމަ ދެކެމެއްނު..މާޒީގައި އުޅުނުގޮތަށް ބަލާފައި ޖަޖްކުރާކަށް ނުވާނެ. ނިވާވެގެން ތިބޭ އަންހެނުންގެ ތެރޭގައިވެސް ގޯސް މީހުން އުޅޭ....." "އަހެދް...އެކުއްޖާ ފަކީރު...." "މަންމައަށް އެހެދް ނޭގެނީ..އޭނަ ކައިރިން އަހާބަލަ މަންމަ...އެއީ....."މުރުތަސިމް ބުނަން އުޅުނު ޖުމްލަތައް ދިރުވާލިއެވެ. އެލީޒީ ކުޑަދޮރު ކައިރީގައި އެވާހަކަަތައް އަޑުއަހަން ހުރެފައި އެއްފަރާތަށް ޖެހިލިއެވެ. "ކޮންމެ މީހަކަށްވިޔަސް މީހުންް ކުރިމަތީގައި ގަދަރު ހުންނާނެއްނު...އެލީޒީއާއި އިންނަން މަންމަ ގަބޫލެއްނޫން...." "ފޯމު ލާފައި ހުރިހާކަމެއް ނިންމާފައި އޮތީ މަންމާ...އެކަމަކު މަންމަ ނުރުހެންޏާ އަހަރެން މިގެއަް އެލީޒީ ގެންނާކަށް ނެތިން. އެޕާޓްމެންޓެއްގައި އުޅޭނީ...އޭރުން މަންމަގެ އިއްޒަތާއި ގަދަރަށް އުނިކަމެއް ނާންނާނެ. މީހުންނަށް އެކަން ނުވެސް އެނގޭނެ ދޯ..." މުރުތަސިމްގެ އަޑުގައިވީ ސާބިތުކަމުން އެލީޒީގެ ހިތް އުފަލުން ނަށައިލިއެވެ. "ކިހާ ދެރަކަމެއްތަ؟އަހަރެން ލަވަކިޔާ މީހަކަށްވީމަ އެހާ އަގެއްނެތީތަ؟ ބޯދާ ޚިޔާލުގެ މައިދައިތައެއް ލިބުނީ....ކައިވެނި ކުރެވުނީމަ މަށަކީ ކާކުކަން އަންގައިލާނަން......"އެލީޒީ އަމިއްލަ ނަފުސަށް ވައުދުވިއެވެ. ޒަހްރާއަށް އަލުން ގޮނޑީގައި އިށީދެ ބޮލުގައި އަތުން ހިފަހައްޓައިލެވުނެވެ.ޒަވިއާރު އޭނަ ބުނާ ބަސް ގަބޫލުނުކުރިޔަސް މުރުތަސިމް އޭނަގެ ނިންމުންތަކަށް އިހުތިރާމްކުރާނެކަމުގެ ޔަގީންކަން އޮތެވެ. ނަމަވެސް އެހެނެއްނުވިއެވެ. އެންމެ ދެރަވީ އަހެދްއާއިމެދުގައެވެ. އަހެދްއަށް އަންގާވެސް ނުލާ ކައިވެނިކުރަނީހެއްޔެވެ؟ އަހެދް ކޮޓަރީގައި ގިނަވަގުތު ހޭދަކުރާ ސަބަބަކީ އެއީއެވެ. ހަގީގަތަކީ އަހެދް ފިލައިގެން އުޅެނީ ނައީމް ފައިސާ ހޯދަން ކިޔާވަރުން ބޮލަށް އުދަގޫވެގެން ކަން ޒަހްރާއަށް ނޭގި އޮތުމެވެ. *** ޒަހްރާ އެދިގެން އަހެދް ބާޒާރުކޮށްލަން ދިޔުމަށްފަހު އެކަންތަކުން ނިމިގެން ޑޮކްޓަރަށް ދައްކައިލަން ކްލިނިކަށް ވެސް ދިޔައެވެ. އަހެދް ޒަހްރާގެ އަތުގައި ހިފަހައްޓާލައިގެން ހުންނައިރު ހަމަ އިހުސާސްވަނީ މަންމައެއްފަދައިންނެވެ. "ދަރިފުޅު"ކިޔައިގެން މުޚާތަބުކުރުމުން ހިތަށް އަސަރުވެސް ކޮށް ފެންކަޅިކުރުވައެވެ. އޭނަވެސް މަންމައެއްގެ ލޯބި ބޭނުންވެއެވެ. މަންމަ ނެތްތަން ފޫބައްދައިދޭނެ މީހަކު ނެތަސް މިވަރުންވެސް ކުލުނާއި ލޯބި އިހުސާސްވެއެވެ. އޭނަދެކެ ހަމްދަރުދީވާނެ އެންމެ މީހެއްވެސް ދުނިޔޭގައި އެބަހުރި ނޫންހެއްޔެވެ؟ އެހެން ދަރިން ތިއްބާ އެކީގައި ގެންދާނީވެސް ޚާއްސަގޮތެއް ބަހައްޓާތީކަމުގައި ޟަމީރު ބުނެލިއެވެ. ނަމާދަށްފަހު ޒަހްރާއަށް ދޭން ޖޫސްތަށްޓެއް ހިފައިގެން ދިޔައިރު އެނދުގައި އިށީދެލައިގެން ފައި މާލީސްކުރަން އިނެވެ. މުޅިތަނުގައި ހިފާލާފައިވީ ބޮޑުއާވިފަދަ ވަހެކެވެ. "ޕްރެޝާ ބަލަން އެނގޭނެތަ؟މިއަދު ތަންކޮޅެއް މަތިހެން ހީވޭ.." "މައި ދަސްކޮށްދީފައި ދިޔައީ..ބަލާލަދޭންވީދޯ.."އަހެދް ގާތުގައި އިށީނެވެ."ކުޑަކޮށް މަތިކޮށް މިހިރީ." "ވިހި އަހަރުވެއްޖެ މި ބޭސްގުޅައިގެ އެހީގައި ޕްރެޝާ ރަގަޅަށް ހުންނަތާ...މިނަންވެސް މަންމަ ހިތުދަސް..އެމްލޯޑެޕިން...މަންމަ އެކަމަކު އެއްވެސް ކުއްޖެއްގެ ގާތު އެވާހަކަ ނުބުނަން. ތަންކޮޅެއްފަހުން ހެދި ސީޓީ ސްކޭނެއްގައިވެސް ކުޑަކޮށް މައްސަލަ ހުރި..އެހެންވެ ލޭ ތުނިކުރާ ބޭހެއްވެސް ފަށާފައި ހުރި..މައިގްރެއިންއަށްވެސް އަބަދު ބޭސް އެބަކަން....އަދި އާތްރައިޓިސްވެސް ހުރޭ......"ޒަހްރާގެ ބަލީގެ ވާހަކަތައް ކިޔައިދޭން ފެށުމުން އޭނަ އުފާވިއެވެ. އެހެން ކުދިންނާއި ހިއްސާނުކުރާ ވާހަކަތައްވެސް ކިޔައިދޭތީއެވެ. "މަންމަ ކުދިންނަށް ކިޔައިނުދެނީ އެކުދިން އެކަމާއި ވިސްނާނެތީ...ބޭސްކައިގެން މިހެން ހުރީމަ ހަމަ އަމިއްލައަށް އުޅެވޭނެތާ ދޯ..އެކަމަކު ބައެއް ދުވަހު ހަމަ އެނދުން ތެދުވެވޭވަރެއްވެސް ނުވޭ..." "މާޝާﷲ ވަރަށް ހިތްވަރުގަދަ.." އަހެދް ދިން ޖޫސްތަށި ބޯލުމަށްފަހު ޒަހްރާ އެނދުގައި އޮށޯވެލިގޮތަށް ނިދުނުކަން އެނގުނީ ގުގުރީގެ މަޑު އަޑު އިވުމުންނެވެ. *** ޒަހްރާ ކުޑަދޮރުން ބޭރަށް ބަލައިލިއިރު ފެނުނު މަންޒަރަކުން އަވަހަށް ފަހަތަށް ޖެހިލެވުނެވެ. އަލްބާންއާއި ބާބިލްގެ އޮތީ މައުސޫމް ގުޅުމެއްކަމަށް ހީކުރެވުނަސް އެދެމީހުން އެއަށްވުރެ ގާތްކަން އެނގުމުން ސިކުނޑި ހާސްވެއްޖެއެވެ. އަލްބާންއަށް މީހެއްގެ އަންބެއްނޫނީ މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީހެއްޔެވެ؟ ހިތްހަމަނުޖެހުމާއި ހިތްދަތިކަމާއެކު ރުޅިވެރިކަން ހިތުގައި ހިނގައިގަތެވެ. އަލްބާންއާއި ވާހަކަދެއްކުމަށްވުރެ ރަގަޅުވާނީ ބާބިލްގާތު ސީދާ އެހުމެވެ. ބާބިލް ތަށިތައް ދޮންނަން ހުރިއިރު ތުންފަތުގައިވީ ހިނިތުންވުމެކެވެ. މަޑުމަޑުން ރާގެއް އަޅުވައިލުމަށްފަހު އޭނަ ތަށިތައް ހަރުގަނޑުގައި ބަހައްޓަންފެށިއެވެ. ޒަހްރާގެ ފިޔަވަޅުގެ އަޑު އިވުމުން އެނބުރި ބަލައިލިއިރު އެމޫނުމަތިން ފެނުނު ސީރިޔަސްކަމުން ހިތަށް ފިނިވާގޮތްވިއެވެ. ޒަހްރާގެ ލޮލުން ދުވަހަކު އެފަދަ ދުރުކަމެއް އޭނަ ނުދެކެއެވެ. "ބާބިލް...އަހަންނަށް ހުރިހާ ހަގީގަތެއް އެނގިއްޖެ. ދުވަހަކުވެސް ހިތަކަށް ނާރާ ތިކަހަލަ ގޯސްމަގެއް ޚިޔާރުކޮށްފާނެއޭ. އުމްރާގެ އަޅުކަމުން އެނބުރި އައިގޮތަށް އިސްލާހުވާންވީމަ ވަރަށް ދެރަމިހެން ވީމަ..މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ އެހެން މީހަކާއި ގުޅުން ބޭއްވުމަކީ ދީނުގައި ހުއްދަކަމެއްނޫން.ސީދަލަށް ބުނާނީ. އަހަރެން މި ގުޅުމާއި މުޅިން ދެކޮޅު. ތިކަން ހުއްޓާލާ ނޫނީ މިގެއިން ދޭ....." ބާބިލްއަށް ލިބުނު ސިހުމާއި ހައިރާންކަމުގައި ލޯ ބޮޑުކޮށްލައިގެން ހުރިއިރު އަތްވެސް ތުރުތުރުލަމުން ދިޔައެވެ. ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ޒަހްރާ އެތަނުން ދާން ހިނގައިގަތެވެ. ޒަހްރާގެ ހަރުކަށިކަމަކީ ބާބިލް ދެކެފައިވާ ސިފައެއްނޫނެވެ. އޭނަގެ ބަދުނަސީބު ރޫހަށް ދުވަހަކު އުފަލެއް ނުލިބޭނީހެއްޔެވެ؟ އޭނައަށް މިއޮތް ބޮޑު ދުނިޔެއިން ލިބުނު ހަމައެކަނި ހިތްހަމަޖެހުމާއި އުފާކޮޅު ފެނަށް ވީކަމުގެ އިހުސާސްވިއެވެ. ހިތް އޮއްސިގެން ދިޔައެވެ. އިސްޖަހައިލެވުނުއިރު ލޮލުން ކަރުނަތިކިތައް އޮހިގަތީ އަމިއްލަ އެއްވެސް އިޚުތިޔާރެއްނެތިއެވެ. *** އަހެދް ދުވަމުން އައިސް ކާކޮޓަރިއަށްވަނީ އެއްވެސް މީހެއްގެ ފޯނަށް ނުގުޅިގެން ފްރިޖުން އައިސްޕެކެއް ނެގުމަށެވެ. ޒަހްރާ މާ ގަދަޔަށް ބޮލުގައި ރިއްސާފައި ވާހަކަދައްކަން އުދަގޫވާންފެށީއެވެ. އަނގައިގާ ވާގި ހުރިހެނެއް ހިޔެއްނުވެއެވެ. ކައިލް ކާކޮޓަރީގެ ކުޑަދޮރު ކައިރީގައި ކޮފީ ބޯން ހުރި މަންޒަރު ފެނުމުން އަހެދް ކައިރިއަށް ދިޔައެވެ. "ކައިލް..މުރުތަސިމް މަންމަ އޯކޭ ނޫންހެން މަށަށް ހީވަނީ....." "ކިހިނެއްވީ އަނެއްކާ؟" ކައިލް ކުޑަކޮށް އެނބުރުނެވެ. އެއީ މުރުތަސިމް ދޮރުމައްޗަށް އެރިވަގުތެވެ. އެދެމީހުން އެއްތަނެއްގައި ތިއްބާ ފެނުމުން ބުމަކައިރިކޮށްލެވުނަސް ވަގުތުން މޫނުމަތި ރީތިކޮށްލަމުން އޭނައަށް އެއްވެސް އަސަރެއް ނުކުރާކަމަށް ހެދުނެވެ. "ސިމް....."ކައިލް އެއްޗެކޭ ބުނަން އުޅުނެވެ. މުރުތަސިމް އަތްތިލަ ހިއްލައިލީ ހިމޭންވާން އެންގުމުގެ ގޮތުންނެވެ."އަހަރެން މިއައީ އަހެދްއާއި ވާހަކަދައްކަން. އަހެދް ނުފެނިގެން. އެކަނި ހުއްޓާ ބުނަން ބޭނުންވީ އެކަމަކު އެހެން ފަރާތަކަށް މި ސިއްރުދާނެހެނެއް ހިޔެއްނުވޭ. އަހަރެން މިއުޅެނީ އެލީޒީއާއި ކައިވެނިކުރަން..." "އޭނ...ކީކޭ؟އެލީޒީއާއި؟"ކައިލް އަނގަޔަށް ގޮތެއް ހެދިއެވެ. "އެހެންމީހަކު އެ މަގާމުގައި ހުރިމަ ދޯ އަބަދު ކުރިމަތީގައި އެނބުރޭނީ......" "އިނަފް...."ކައިލްއަށް ބާރަށް ބުނެވުނެވެ. "އަހަރެން ދޯ ގޯސްވީ.."މުރުތަސިމްއަށް މާނަކުރެވުނީ އެންމެ ނުބައިކޮށެވެ. އޭނައަށް ކުރެވުނު ޝައްކުމަތީގައި ހުރެ އާދެވުނު ރުޅިގަނޑުގައި އިތުރަށް އަލިފާން ރޯވީ އަހެދް ދާން ހިނގައިގަތުމުންނެވެ. "އަހެދްއަށް ބޭ އިންސާފަކަށް ވާނީ އަހަރެން އެހެން މީހަކާއި ކައިވެނިކޮށްގެން ދުރަށް ދިޔައީމަ. އެހެންވީމަ މިއަދުން ފެށިގެން ތިހިރީ މިނިވަންކޮށްފައި. އަހަރެންގެ އަންބެއްނޫން ތިއީ. ވަރިކޮށްފިން....."މުރުތަސިމްގެ އެ ޖުމްލައާއެކު އަހެދްގެ ފިޔަވަޅުތައް ހުއްޓުނެވެ. ކައިލްއަށްވެސް ދެލޯ މަރައިލެވުނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ