ރައީސް ނަޝީދު މަޖިލިސް މެމްބަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް މެމްބަރު ކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ނޫނީ ވަކީލު އަހުމަދު ތޯލިބެވެ.
ތޯލިބު މި މައްސަލަ ހުށަހަޅާފައި ވަނީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ސްރީލަންކާ ތަމްސީލްކުރާ ވަފުދުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފައިވާތީއެވެ. އެގޮތުން އޭނާ ހުށަހެޅި މައްސަލާގައި ބުނީ ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.
އެ މައްސަލާގައި ބުނީ ގާނޫނުއަސާސީ ގެ 75 ވަނަ މާއްދާގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ޖެހޭނީ ދިވެހި ދައުލަތާއި، ރައްޔިތުންގެ މަސްލަހަތާއި ހެވާ ލާބައަށް ކަން ބަޔާންކޮށްފައިވާއިރު، ލަންކާގެ ފަރާތުން ކޮޕްގައި ބައިވެރިވުމަކީ އެއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ ހަވާލުވާއިރު ކުރާ ހުވަޔާވެސް ހިލާފު އަމަލެއް ކަމަށް ބުނެފައިވެއެވެ.
ކޮޕް 27 ގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. ރައީސް ނަޝީދު އެ ކޮންފަރެންސްއަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ. ރައީސް ނަޝީދު އެ މަގާމަށް އައްޔަންކުރެއްވީ މި އަހަރުގެ އޮކްޓޯބަރުމަހު ތެރޭގައެވެ.
ރައީސް ނަޝީދު ލަންކާ ވަފްދުގައި ބައިވެރިވުމާއެކުވެސް ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ސަމިޓުގައި ރާއްޖެ އާއި، ލަންކާއިން ޚިޔާލުތަފާތު ވެއްޖެ ހާލަތެއްގައި ރައީސް ނަޝީދު އަމަލުކުރައްވާނެ ގޮތަކާ މެދު ސުވާލު އުފައްދާފައިވެއެވެ.
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް، "ކޮޕް 27" ސަމިޓް ފެށީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ