ކުޑަކުޑަ ޝައްޔާނުގެ ބަތަލަކީ ޝަހީދު ހުސައިން އާދަމް

ޝައްޔާނު ޢަބްދުއްރަޝީދު، ނިދަނީ ވެސް ޝަހީދު ޙުސައިން އާދަމްގެ ހަނދާންތަކާއެކުއެވެ. ހޭލާފަ ފުރަތަމަ ވެސް ބަލައިލަނީ އެނދު ކައިރީގައި ހަރުކޮށްފައި ހުންނަ ޝަހީދު ޙުސައިން އާދަމުގެ ފޮޓޯތަކަށެވެ. އެއީ ޝައްޔާނުގެ ހީރޯއެވެ. އެންމެ ވާން ބޭނުންވާ ޝައްޔާނުގެ ބަޠަލެވެ. ރ. މީދުއަށް އުފަން ދެމަފިރިންކަމުގައިވާ ޝާހިދާ އާއި ޢަބްދުއްރަޝީދު ކުރި ދިގު އިންތިޒާރަށްފަހު 2016 ވަނަ އަހަރު ލިބުނު ފިރިހެން ދަރިފުޅު ޝައްޔާނަކީ އެންމެ ތުއްތު އިރުން ފެށިގެން ވެސް ސިފައިންގެ މީހަކަށް ވުމަށް ލޯބިކުރާ ކުއްޖެކެވެ. ސިފައިންގެ ޔުނީފޯމާއި ބަޑިއަކީ ޝައްޔާނު އެންމެ ލޯބިކުރާ ތަކެއްޗެވެ. ސްކޫލުން އައުމަށްފަހު ގިނަވަގުތު ހުންނަނީ ސިފައިންގެ ޔުނީފޯމުގައެވެ. މާލޭގައި ޝައްޔާނުގެ ޢާއިލާ ދިރިއުޅޭ އެޕާޓްމަންޓްގެ ބެލްކަނީގައި ޝައްޔާން ބަޑި ހިފައިގެން ގިނަ ވަގުތު ފޯރިމަރަނީ ދުރުން ދުޝްމަނެއް ބަޑިޖަހާފާނެތީއެވެ. އަބަދު ވެސް ހުންނަނީ ފާރަވެރިވެގެންނެވެ. ބައެއް ފަހަރު ދުރުގައި ހުންނަ ގެތަކުން ދުޝްމަނުން ބަޑި ޖަހާހެން ހީވެގެން ބަޑިނަގައި، އެ ދިމާއަށް ބަޑިޖަހާ ހަދައެވެ. އަދި ދުޝްމަނު މީހާ ބަލިކޮށްލެވިއްޖެކަމުގެ އިހުސާސުގައި އުފާފާޅުކުރެއެވެ. މިއީ ޝައްޔާނުގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ގޭގައި ހުސްކޮށް ހުންނަ ކުޑަ ކޮޓަރިއެއްގައި ޝައްޔާނުގެ ބަޑިތަކާއި ފިސްތޯލަތަކާއި ގްރެނޭޑްތަކުގެ ކުޅޭ ސާމާނު ރައްކާކޮށްފައި ހުރެއެވެ. އެއީ ޝައްޔާނުގެ ބަޑި ގުދަނެވެ. ދޭތެރެ ދޭތެރެއިން އެ ގުދަނަށް ވަދެ ބަޑިތައް ހަމައަށް ހުރިތޯ ބަލައި ގުނާ ހަދައެވެ. ގެއަށް ވަދެ އުޅޭ ކޮންމެ މީހަކު ގާތުވެސް ހަދިޔާ އަކަށް ބަޑިއެއް ގެންނަން ޝައްޔާނު އެދެއެވެ. ތިމާގެ މީހުންނާއި ރައްޓެހިން ޝައްޔާނަށް ވަރަށް ގިނައިން ކުޅޭ ބަޑި ހަދިޔާ ކުރެއެވެ. މި ތަކެތި ރައްކާކޮށް ބަލަހައްޓައެވެ. އަދި ދުވާލުގެ އެކި ވަގުތުގައި މިތަކެތި ޓެސްޓް ކުރެއެވެ. ސިފައިންނަށް ޝައްޔާނުގެ ޝައުޤް އުފެދުނީ ޔޫޓިއުބުގައި ހުރި ނޮވެމްބަރު 3ގެ ވީޑީއޯތައް ބަލައިގެން ކަމުގައި ޝައްޔާނުގެ މަންމަ ބުންޏެވެ. ޝައްޔާނު ގެންގުޅޭ ޓެބްގެ ސާޗް ހިސްޓްރީ ބަލައިލީމާ ފާހަގަވީ މުޅީން ވެސް ނޮވެމްބަރު 3 ގެ ފޮޓޯ އާއި ވީޑިއޯ ހޯދާފައި ހުރިކަމުގެ ހެއްކެވެ. ޝަހީދު ޙުސައިން އާދަމްގެ ފޮޓޯއާއި މަޢުލޫމާތު ވެސް ވަރަށް ކުރިން ފެށިގެން ހޯދައި ބަލަމުންދާކަން ފާހަގަކުރެވުނެވެ. ޝައްޔާނު ނިދާ އެނދުގެ ފާރުގައި ޝަހީދު ޙުސައިން އާދަމްގެ ކުލަ ފޮޓޯ ހަރުކޮށްފައި ހުއްޓެވެ. އެ ޝަހީދުގެ ބައްޕަ އާއި މަންމަގެ ފޮޓޯ ވެސް ހުއްޓެވެ. އަދި ޙުސައިން އާދަމް ޝަހީދުވި އިރު ގެންގުޅުނު ބަޑީގެ ފޮޓޯއެއްވެސް ހުއްޓެވެ. މި ފޮޓޯތަކުގެ ތަފްޞީލު ޝައްޔާނު ވަރަށް ސާފުކޮށް ކިޔައިދިނެވެ. އަދި ޙުސައިން އާދަމް ކިޔެވި ސްކޫލާއި ރަށާއި ޢާއިލާގެ މަޢުލޫމާތު ވެސް ކިޔައިދިނެވެ. ޝައްޔާން ހުރީ އިންޓަނެޓުން މި މަޢުލޫމާތު ހޯދާފައެވެ. އަމީނިއްޔާ ސްކޫލްގެ ގްރޭޑް 1 ގައި މިހާރު ކިޔަވަމުންދާ ޝައްޔާނު ބުނިގޮތުގައި އޭނާގެ އުއްމީދަކީ ޙުސައިން އާދަމް ފަދަ ޤައުމީ ބަޠަލަކަށް ވުމެވެ. ސްކޫލް ނިމުމާއެކު ސިފައިންގެއަށް ވަންނާނެ ވާހަކަ ވަރަށް ޖޯޝާއެކު ބުންޏެވެ. އަދި ޙުސައިން އާދަމް ފަދައިން ދުޝްމަނުންނާ ކެރިގެން ކުރިމަތިލައި ޤައުމުގެ ދިފާޢުގައި އަބަދުވެސް ތެދުވާނެކަމުގައި ކޮށި ލަފްޒުތަކަކުން ކިޔައިދިނެވެ. މިހާރު ޢުމުރުން އެންމެ ހަ އަހަރު ނޫންހޭ އަދި 12 ވަރަކަށް އަހަރު މަޑުކުރަން ޖެހޭނެ ނޫންހޭ ބުނީމަ ޝައްޔާން ބުނީ ސިފައިންގޭގައި ޖޫނިއާ ސިފައިން އުފައްދާނެ ކަމަށް އުއްމީދުކުރާކަމަށެވެ. އޭރުން ޓްރެއިން އަށް ދާނެކަމަށް ވެސް ބުންޏެވެ. ޙުސައިން އާދަމްގެ ހިތްވަރު ޝައްޔާނަށް ވަޒަންކުރެވެއެވެ. ދުޝްމަނުންނާ ކުރިމަތިލައި ފަސްނުޖެހި ހުރެ، ޤައުމުގެ ދިފާޢުގައި ޝަހީދުވެ ދިޔަގޮތުގެ ވާހަކަ ޝައްޔާނުގެ ފެންވަރުން ވަރަށް ތަފްސީލްކޮށް ކިޔައިދިނެވެ. އަދި ޔޫޓިއުބުން އެ މަންޒަރުތައް ދައްކައިދިނެވެ. ނަވާރަ ސަތޭކަ އަށްޑިހަ އަށެއްގެ ނޮވެމްބަރު ތިން ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ހަނގުރާމަ ވެރީންގެ ބަޔަކާއި ދިވެހީންގެ ބަޔަކު ގުޅިގެން ދިން ޢުދުވާނީ ހަމަލާގެ ހަނދާންތައް ޝައްޔާނުގެ މައިންބަފައިން ވެސް ނުހުރެއެވެ. އޭރު ޝައްޔާންގެ ބައްޕަ ޢަބްދުއްރަޝީދުގެ އުމުރަކީ 13 އަހަރެވެ. މަންމަ ޝާހިދާގެ އުމުރުން ނުވަ އަހަރެވެ. ޝައްޔާން އުފަންވުމުގެ 26 އަހަރު ކުރިން ހިނގި މި ހާދިސާއަށް 34 އަހަރު މިއަދު ފުރުނުއިރު އެ ހާދިސާއާ ގުޅޭގޮތުން ޝައްޔާންގެ މައިންބަފައިންނަށް ވުރެ ގިނަ މައުލޫމާތު ޝައްޔާނަށް އެނގެއެވެ. ޝަހީދު ޙުސައިން އާދަމަކީ ދިވެހި ޤައުމަށްޓަކައި 3 ނޮވެމްބަރު، 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ދިވެހި ދަރިއެކެވެ. ތިނެއް ނޮވެމްބަރުގައި ޤައުމަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާ، ދިފާއުކުރުމަށްޓަކައި އެންމެ ފާހަގަ ކޮށްލެވޭ ހިތްވަރުގަދަ ރައްދެއް ޓެރަރިސްޓުންނަށް ދިނީ ޙުސައިން އާދަމެވެ. ޙުސައިން އާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ. ކޯޕްރަލް ޙުސައިން އާދަމް އަށް ނިސްބަތްވާ ގޮތަށް ސަރުކާރުންވަނީ "ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގް" ގެ ނަމުގައި އިމާރާތެއް ބިނާކޮށްފައެވެ. އެއީ ފުލުހުންގެ ރަސްމީ އިދާރާއެވެ. އުދުވާނީ ހަމަލާ ދިނުމަށް ޓެރަރިސްޓުން މާލެ އަރައި ސިފައިންގެއަށް ހަމަލާދިންއިރު ޙުސައިން އާދަމް ހުރީ ސިފައިންގެ ބޭރު ގޭޓްގެ ޑިއުޓީގައެވެ. ފުރަތަމަ ހަމަލާ އައުމާއެކު ރައްދުގައި ހަމަލާ ދިނެވެ. އޭރު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުސަތު ލިބުނީ ކުޅަދާނަ ޙުސައިން އާދަމް ގެ ސަބަބުންނެވެ. މާލަސްތަކެއް ނުވެ ޙުސައިން އާދަމް ގެ އަތުން ވަޒަން ހުސްވިއެވެ. އެހެންނަމަވެސް އޭނާ ގޮވަމުންދިޔައީ އިތުރު މެގަޒިނެއް ދިނުމަށެވެ. އެންމެ ފަހުން ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ޙުސައިން އާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެ ހިނދު މިފަސްގަނޑު ދޫކޮށް ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ޝަހީދީ ލެއިން ތެންމާލައި، ޝަހީދުވީ އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚްރުވެރި ނަމެއް ހޯދައިދީފައެވެ. ޤައުމީ ރޫޙާއި ޖޯޝަކީ ކޮންމެ އުމުރެއްގައި ވެސް އަށަގެންނެވިދާނެ އެއްޗެއްކަން ޝައްޔާނުގެ ވާހަކަތަކުން އެނގުނެވެ. ޤައުމަށްޓަކައި ކޮންމެ ކަމެއް ކުރުމަށް ތައްޔާރުވެ ތިބޭ ތުއްތުކުދީން އުޅޭކަމީ ޤައުމުގެ ކުރިމަގަށާއި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ކުރެވޭ މަސައްކަތުގައި އުއްމީދެއް އޮތްކަމުގެ ހެއްކެކެވެ. މި ނަޞްރުގެ ދުވަހު، ޝައްޔާނާ ބައްދަލުވީތީ އުފާކުރަމެވެ. ޝައްޔާނު ފަދަ އެތައް ކުދީންނެއް ދުށުމަށް އަބަދުމެ އުއްމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ