ކުރިއަށް އޮތް ހަތަރު ދުވަހު މެދު ރާއްޖެތެރެއާއި އުތުރަށް މޫސުން ވަރަށް ގޯސް

ކުރިއަށް އޮތް ހަތަރު ދުވަހު، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ. މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ހެވޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅު ތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭއިރު, އެ ވަގުތު ތަކުގައި އެ ސަރަހައްދުގެ ކަނޑުތައް ވެސް އުޅޭނީ އާދައިގެ ވަރަކަށް ގަދަކޮށް ކަމަށެވެ. ރާއްޖޭގެ މޫސުން އިތުރަށް ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ މިރޭ 12 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. މެޓުން ބުނީ މި ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަލަމާކުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. ރާއްޖެއަށް ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުން ފެށުނީ މި އަހަރުގެ މޭ މަހުގެ އަށް ވަނަ ދުވަހު، ދެކުނުންނެވެ. މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްތަކަކަށް ވުމުން ގިނަ ބަޔަކު އަންނަނީ ދަތުރުތައް ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ