ތާއީދު ހޯއްދަވަން ގާސިމް، ވަހީދުއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތާއީދު ހޯއްދަވަން އެ މަނިކުފާނާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފަ އެވެ.
ގާސިމްގެ އިސްނެންގެވުމަށް ބޭއްވި ބައްދަލުކުރެއްވުން އޮތީ ވަހީދުގެ ގެކޮޅު މއ. ޔުރިކާގަ އެވެ.
ގާސިމްގެ އަރިހުގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލަކު ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި ވަހީދަކީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވަރަށް ގިނަ ބަޔަކު ދެކެ، ފަރިތައް ބޭފުޅަކަށް ވާތީ ވަހީދުގެ އެހީތެރިކަން ގާސިމަށް ވަރަށް މުހިންމުވީ ކަމަށެވެ.
"އެހެންވެ، ރައީސް ވަހީދުގެ އަރިހަށް ގާސިމް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވީ. އެހެން ސިޔާސީ ޕާޓީއެއްގައި ވަހީދު ހުންނެވިޔަސް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރައްވާ. އެ ގޮތަށް ތިއްބަވާ ބޭފުޅުންނާ ބައްދަލު ކުރައްވައި ތާއީދު ހޯއްދަވަން ގާސިމް ވަނީ ނިންމަވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ގާސިމް މިއަދު ވަނީ އޭނާގެ ކެންޑިޑެސީ ފޯމު ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ނުކުންނަވަނީ ޑރ. ވަހީދު ކަމަށް ބުނެ ވެސް މިދިޔަ 2-3 ދުވަހު އަޑުއެރި އެވެ. އެ އަޑުތައް ފެތުރިފައި ވަނިކޮށް، ކުށުގެ ރެކޯޑު ސާފުކުރަން ވެސް ޑރ. ވަހީދު ހުށަހެޅުއްވި އެވެ. ނަމަވެސް، އިދިކޮޅު ޕީއެންސީން ނެރޭ ކެންޑިޑޭޓުގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ހަމަޖައްސަވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން މިއަދު ހެނދުނު މުއިއްޒު ހުށަހެޅި ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިގަންނަން ނިންމައިފަ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން ވެސް ހުކުމް ކުރީ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ