އުކުޅަހު ސަފާރީ 24 ގަޑިއިރުތެރޭ ބަނދަރުން ނެރުމަށް ކޯޓުން އަމުރުކޮށްފި

އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ފަޅުން ނެރުމަށް އެ ރަށު ކޯޓުން ރޭ އަމުރު ކޮށްފިއެވެ. 
އުކުޅަހު ފަޅުން ބޭރުގައި އޮތް އިރުވެސް ރާ ވިއްކާ ކަމަށް މީގެ ކުރިން ތުހުމަތު ކުރެވިފައިވާ "ޒެޑް ކުރޫޒާ" ނަމަކަށް ކިޔާ މި ސަފާރީ މަރާމާތަށް ކަމަށް ބުނެ އެ ރަށު ބަނދަރަށް ވައްދާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭގައި ކަމަށް އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވަނީ ވޮއިސް އަށް މައުލޫމާތު ދެއްވާފައެވެ. އަދި އެ ސަފާރީ ބަނދަރަށް ވައްދާފައިވަނީ ކައުންސިލުން ހުއްދަ ނުވެސް ދެނިކޮށް ކަމަށާ، އެއިން ރަށަށް ރާ ވިއްކާ ކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 
އަދި އެ ސަފާރީ މީގެ ކުރިން ފަޅުން ބޭރުގައި އޮތް އިރުވެސް ވަރަށް ފާޅުކަން ބޮޑުކޮށް ރާ ވިއްކުމުގެ ކަންކަން ކުރިކަން އޭނާ އާއި އެރަށުގެ މީހުންނަށްވެސް އެނގޭކަން ކައުންސިލް ރައީސް ވަނީ ރައްޔިތުންނާއިއެކު ބޭއްވުނު ބައްދަލުމުގައި ފާހަގަކުރައްވާފައެވެ.
Advertisement
އެ މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ކައުންސިލާއިވެސް ހިއްސާ ކުރުމުން ކައުންސިލުން ވަނީ ސަފާރީ ފަޅުން ނެރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. 
އެއަށްފަހު ކޯޓުން އެ މައްސަލަ ބެލުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ 24 ގަޑި އިރުތެރޭގައި އެ ސަފާރީ ބަނދަރުން ނެރުމަށް އަމުރުކޮށްފައެވެ. އަދި މޫސުން ގޯސްވެ އެލާޓެއް ނެރެފި ނަމަ، އެލާޓްގެ ވަގުތު ހަމަވަންދެން ސަފާރީ ބަނދަރުގައި ބޭއްވުމުގެ ހުއްދަވެސް ކޯޓުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ