ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މުޅި މައްސަލައިގައި ލިބުނީ ކާމިޔާބު ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ވިދާޅުވީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދުނު ގޮތަށް ނޫންކަމުގައި ވިޔަސް، ސުޕްރީމް ކޯޓުގެ ނިންމުން ނިމިފައިވަނީ އެމަނިކުފާނަށް ފައިދާވާ ގޮތަށް ކަމަށެވެ.
އަދި އެ މައްސަލަ ހަގީގަތުގައި ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެބޭފުޅުން އެދުނު ގޮތަށްވުރެ ވެސް ރަނގަޅަށް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވަކީލު ވިދާޅުވި ގޮތުގައި ހެކި ހާމަކުރުމާއި ހެކި ހޯދުމުގެ އުސޫލު ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދުމުން އެ ކޯޓުން ވަނީ އެ މަގު ރޭގެ ހުކުމުގައި ފަހިކޮށްދީފައި ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި އެ މައްސަލައާ ގުޅޭ ރިކޯޑުތަކާއި ލިޔެކިޔުންތައް ބެލުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
"ދެވަނަ ކަމަކީ ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން އަދީބާއި ޒިޔަތުގެ ހެކި ބަލައިނުގަތުމަށް. ސުޕްރީމް ކޯޓުން ނިންމީ ހެކިތަކުގެ ރިލެވެންސީ ކަނޑައެޅުމުގެ މަރުހަލާވެސް އަލުން ކަނޑައަޅަން."
އޭގެ އިތުރަށް ވަކީލުން ފާހަގަކުރެއްވީ ހައިކޯޓުގެ ނިންމުން ދެމެހެއްޓި ނަމަވެސް އެ ނިންމުމަށް ވާސިލުވި ސަބަބުތައް ރަނގަޅު ނޫންކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އެއިން ބައެއް ސަބަބުތައްވެސް ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުމަކީ ނާކާމިޔާބެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
އަދި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނުނިންމާކަމަށާއި، އެ ކޯޓުން ނިންމާފައިވަނީ ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަދީބާ ޒިޔަތުގެ ހެކިބަހަށް ތައުނުކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި އޮންނާނެކަމަށް ކަމަށެވެ. އެހެންކަމުން ޝަރީޢަތުގެ މަރުހަލާގައި އައު ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން މިހާރުވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ބޭފުޅުން ފާހަގަކުރެއްވީ އިސްތިއުނާފުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހެއްކާ ބެހޭ ޤާނޫނު މި މައްސަލައަށް ތަތުބީގުކުރުމުގެ ފުރުސަތު ހޯދުންކަމަށާއި، އެކަން ރޭގެ ހުކުމާއެކު ހާސިލުވެފައިވާކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
މުޅި މައްސަލައިގައި ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ލިބުނީ ކާމިޔާބު: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ