ކުޅުންތެރިންގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ފްރާންސްގެ ސަފީރާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގު ރާސްތާ ޕްލޭންގެ ދަށުން ކުޅުންތެރިންތަމްރީނުކުރުމާ ގުޅޭގޮތުން ފްރާންސްގެ ސަފީރާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ އިއްޔެ ކުޅިވަރާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ފްރާންސްއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރެންކޯޒް ޕެކްޓެޓްއާ ބައްދަލުކުރައްވައި ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި، އެތުލީޓުން ތަމްރީނުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވަޒިރު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގު ރާސްތާ ޕްލޭން، ފްރާންސްގެ ސަފީރާ ހިއްސާކުރައްވާފައެވެ.
ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ފްރާންސްއިން ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއިރު، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ފްރާންސްއަށް ކޮށްދެވިދާނެ ކަންކަން އެ ގައުމުގެ ސަފީރު ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމާލުމުގެ ކުރިން ފްރާންސްގެ ސަފީރު ވަނީ ކުޅިވަރުގެ ސިޔާސަތުތަކާއި، މުހިންމު މައްސަލަތާކާ ބެހޭގޮތުން ކޮމަންްވެލްތުގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް، ފްރާންސްގައި އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް އާއި 11 ވަނަ ކޮމަންވެލްތު މިނިސްޓާސް ބައްދަލުވުމަށް ރާފިޢުއަށް ދައުވަތު އަރުވާފައެވެ. ކޮމަންވެލްތު މިނިސްޓާސްގެ ބައްދަލުވުން ކުރިއަށް ދާނީ ޖުލައި މަހުގެ 24 އިން 25 ގެ ނިޔަލަށެވެ.
ކުޅުންތެރިންގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ފްރާންސްގެ ސަފީރާއެކު މަޝްވަރާކުރިއިރު، ކުޅުންތެރިންނާއި ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން އެޑްމިނިސްޓްރޭޓިވް އޮފިސަރުން ތަމްރީނުކުރުމަށް މެލޭޝިއާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރާފިޢު މީގެ ކުރިން ވަނީ ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ވަޒީރު ވަނީ މި މަސައްކަތުގެ ދަށުން މި ވަގުތު އިތުރު ދެ ގައުމަކާއެކު މަޝްވާރާކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އެއީ ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ