އަތޮޅު ކައުންސިލްގެ އިހްތިސާސް ވަކިކޮށް މެންޑޭޓް ކަނޑައަޅާނަން: އާދަމް ޝަރީފް

އަތޮޅު ކައުންސިލްތަކުގެ އިހްތިސާސް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މިސަރުކާރުން ކަނޑައަޅުއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ކައުންސިލްތަކަށް ޚާއްސަކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށްގެންދިޔަ "ފަނޯއްލަ" ދަރުބާރުގެ މަހާސިންތާގައި ބައިވެރިން ހުށައެޅުއްވި ޕްރެޒެންޓޭޝަނާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރަށު ކައުންސިލްތަކުގެ އިހްތިސާސާއި މެންޑޭޓް ކަނޑައެޅުން ހިމެނޭއިރު، އަތޮޅު ކައުންސިލްތަކަށްވެސް މިބާރުތައް ލިބިދިނުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދީ ރަށްރަށާއި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުމެވެ.
"އަތޮޅު ކައުންސިލްގެ މެންޑޭޓް ވަރުގަދަކޮށް، ބައެއް ކަހަލަ ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވޭނެ. އޭގެ ތެރޭގައި ވަޞީލަތްތައް ގާއިމްކޮށް އަތޮޅު ކައުންސިލުން، އެ އަތޮޅަކަށް ދެވޭނެ ޚިދުމަތްތައް މެންޑޭޓްގެ ތެރޭގައި ފުރިހަމަކޮށްދިނުން ހިމެނޭ." އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
"ފަނޯއްލަ" ދަރުބާރުގެ ބައިވެރިން ހުށައެޅުއްވި ޕްރެޒެންޓޭޝަނާ ގުޅިގެން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމަށް ޓީމެއް އަތޮޅު ކައުންސިލްތަކުގައި އެކުލަވާލާ، ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަތޮޅުތަކަށް ބޭނުންވާ ޕަބްލިކް ވޯކްސްގެ ޚިދުމަތް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ރަށަކުން ޕަބްލިކް ވޯކުސްގެ ޚިދުމަތް ނުލިބުނު ކަމުގައި ވިޔަސް މޮބައިލް ޓީމެއް ކޮންމެ އަތޮޅެއްގައި އޮތުމުގެ މުހިންމުކަން ފާހަގަކުރެވޭ. އެހެންވީމަ ކޮންމެ އަތޮޅެއްގައި ވެސް ޕަބްލިކް ވޯކްސްގެ ޔުނިޓެއް އުފައްދައިގެން އެ އަތޮޅެއްގައި އެ ޚިދުމަތް ދެވޭނެ ގޮތް ހެދުމަކީ މިހާރު ވިސްނަމުން އަންނަ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ "ފަނޯއްލަ" ދަރުބާރު ކުރިއަށްގެންދިޔައީ 2 ދުވަހަށް ބަހާލައިގެންނެވެ. މިދަރުބާރުގައި ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންވެސް ބައިވެރިވިއެވެ. ފަނޯއްލަ ދަރުބާރުގެ ބޭނުމަކީ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކޮށް، ގުޅިގެން އެކަންކަމަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ