24 ގަޑިއިރުތެރޭ ޣައްޒާއިން 55 މީހުން ޝަހީދު، އުދުވާނު ހައްތަހާ ފުޅާކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް އިސްތިއުމާރީ އިސްރާއީލުން
ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 55 މީހުން
ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި
ތަފާސްހިސާބުތަކުގައި ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި
މީހުންގެ އިތުރުން، އިތުރު އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.
ޝަހީދުވި އަދި ޒަޚަމްވި ގިނަ މީހުންނަކީ ކުޑަކުދިންނާއި
އަންހެނުން ކަމަށްވެސް ބުނެފައި ވެއެވެ.
މިއާއެކު، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 7 ވަނަ
ދުވަހުން ފެށިގެން އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއާ
ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދުވަނީ
42،344 އަށް އަރާފައެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދުވަނީ 99،013 އަށް
އަރާފައެވެ.
ޒަޔަނިސްޓު ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި
ހިސާބުތަކަށް ބޮންއަޅައި، މިސައިލާއި އަދި ބޮޑުބަޑިން ހަމަލާދީ ސުންނާފަތި
ކޮށްލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުވެ އެތައްހާސް މީހަކު ގެއްލިފައިވާތީ،
މި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު އެތައްގުނަ އިތުރުވާނޭ ކަމަށްވެސް
ލަފާ ކުރެވިފައި ވެއެވެ.
ޒަޔަނިސްޓުން މިހާރުވެސް ގެންދަނީ ޣައްޒާގެ އެކި
ހިސާބުތަކަށް ވަރުގަދަ އުދުވާނީ ހަމަލާތައްދީ އެތައްބަޔަކު ޝަހީދުކުރަމުންނެވެ.
އިސްތިއުމާރީ ބާރުން ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރިމަތީގައި
ފަލަސްތީނުގެ ނަސްލު އެއްކޮށް ނެތިކޮށްލަމުން ގެންދާއިރު، އެމީހުން ހުއްޓުވަން އދ
ވަނީ ނުކުޅެދިފައެވެ.
ނުވިތާކަށް، މި ލޭއޮހޮރުވުންތައް ހިންގުމަށް އެމެރިކާއާއި،
އިނގިރޭސިވިލާތާއި، ޖަރުމަނު އިސްވެއޮވެ އަދި އީޔޫގެ އެހީތެރިކަމާއި، ތާއީދާއެކު އިސްރާއީލުން
ގެންދަނީ ޖަރީމާތައް އިތުރަށް ފުޅާކުރަމުންނެވެ.
ފަލަސްތީނުގެ އަޚުންގެގޮތުގައި ބެލެވުނު އަވަށްޓެރި އަރަބި
ގައުމުތަކުގެ ވެރިންގެ އަތުގައި އިސްރާއީލު ހުއްޓުވުމުގެ ބާރު އޮވެ، ވެރިކަމުގެ ދަހިވެތިކަމުގައި
ފަލަސްތީނު ރައްޔިތުންގެ ހިމާޔަތަށް އެއްވެސް ކަމެއްނުކޮށް، އަރަބި ވެރިންވެސް
ފެންނަނީ އިސްރާއީލަށް އެހީތެރިވުމުގައި ތިބިތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ