ދަރިމައިވުމުގެ ސިއްޙަތުގެ ފަރުވާއާއި، ހިތާއި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ކެތުލެބާއި، ކުޑަކުދިންނަށް ޚާއްޞަ އެމަޖެންސީ ފަރުވާއާއެކު، ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ހަމަޖައްސަވައިފިއެވެ.
އައު ޚިދުމަތްތަކާއެކު ޓާޝަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގައި ޢުމްރާނީ ގޮތުން ބިނާކޮށްފައިވާ އެންމެ އުސް ބިނާއެވެ. 25 ފަންގިފިލާގެ މި ހޮސްޕިޓަލު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ރަނގަޅަށް ބޭނުންކޮށްފައެއް ނުވެއެވެ. އެތަނުގައި ޤާއިމްކޮށްފައިވާ ޒަމާނީ ބައެއް ވަސީލަތްތަަކާއި މެޝިނަރީސްތައް ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ހުރީ ހަލާކުވެ ބައެއްތަކެތި ބޭނުން ނުކުރެވޭ ޙާލަތުގައެވެ.
ވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދާއި ލަފާއާއި، އެމަނިކުފާނުގެ ސިއްޙީ ދާއިރާގެ ވަޢުދުތައް ތަންފީޒްކުރުމުގެ މަސައްކަތުގެ ދަށުން ވަނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައެވެ. އެގޮތުން މުޅިން އަލަށް ނެޝަނަލް ފަރޓިލިޓީ ސެންޓަރެއް މި ހޮސްޕިޓަލުުގައި މިހާރު ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ.
ނޭޝަނަލް ފަރޓިލިޓީ ސެންޓަރ ނުވަތަ ދަރިމައިވުމުގެ ސިއްޙަތުގެ ފަރުވާގެ ޤައުމީ މަރުކަޒު ޤާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 22 ވަނަ ފަންގިފިލާގައެވެ. ދަރިމައިވުމުގެ ފަރުވާއާއެކު ނަފްސާނީ އަދި މާލީ ކަންބޮޑުވުންތަކަށް ހައްލު ލިބި ރާއްޖޭގައިތިބެ ފަރުވާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ސެންޓަރުގައި ވަނީ އެންމެ ޒަމާނީ އަދި އެންމެ އެކަށޭނަ ފަރުވާ ޤާއިމްކޮށްފައެވެ. އެގޮތުން އިންޓްރައުޓެރިން އިންސެމިނޭޝަން ނުވަތަ އައިޔޫއައި، އައިވީއެފް ފަދަ ފަރުވާތައް ހިމެނެއެވެ. އަދި އެގް ފްރީޒިންއާއި އިތުރު ޚިދުމަތްތައްވެސް ހިމެނެއެވެ. މިތަނުގައި ފަރުވާދިނުމަށް ކަނޑައަޅާފައިވާ ޓީމަށް ވަނީ ޚާއްޞަ ތަމްރީންތަކެއް ދީފައެވެ. އަދި ޒަމާނީވަސީލަތްތައްވެސް ޤާއިމްކޮށްފައިވެއެވެ.
ހައިބްރިޑް ކެތު ލެބު ޤާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަކުގެ 11 ވަނަ ފަންގިފިލާގައެވެ. އެތަނުގައި ވަނީ ނިއުރޯ ސަރޖިކަލް، އެންޑޮވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ޤާއިމްކޮށްފައެވެ.
މި ކެތުލެބާއެކު ފަރުވާހޯދުމަށް ރާއްޖެއިން ބޭރަށް ދާދިއުމަށް ނިމުމެއް އަންނާނެއެވެ. ސިކުނޑީގެ ލޭހޮޅި ބެދުމުން ކަފާނުލައި އެހޮޅި ހުޅުވާލުމާއި، ސިކުނޑީގެ ޓިއުމަރ ލޭ ސަޕްލައިއާ ގުޅުންހުރި ނާރުގެ ފަރުވާއާއި ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްޞަ އެމަޖެންސީ ފަރުވާ ޤާއިމްކޮށްފައިވަނީ ކުޑކުދިންނަށް ރަހުމަތްތެރި މާހައުލެއްގޮތަށް އެމަޖެންސީގައި ޚާއްޞަ ފަރުވާ ދެވޭގޮތަށެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި ބެލެނިވެރިންނަށް އެތައް ފަސޭހައެއް ލިބިގެންދާނެއެވެ.
އައިޖީއެމްއެޗްގެ ތަފާސް ހިސާބު ދައްކާގޮތުން އެ ހޮސްޕިޓަލުގެ އެމަޖެންސީ ފަރުވާ ހޯދާ މީހުންގެ %20އަކީ ކުޑަކުދިންނެވެ. ވުމާއެކު 11 އެނދާއެކު ޤާއިމްކުރި ކުޑަކުދިންގެ އެމަޖެންސީ ފަރުވާއާއެކު ކުޑަކުދިން ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
މިތަނުގައި ވަނީ ޓްރިއޭޖުގެ އިތުރުން އެންމެ އެމެޖެނސީ ހާލަތުގައިވެސް ފަރުވާދެވޭނެ ވަސީލަތް ޤާއިމްކޮށްފައެވެ. އަދި ގައިންގަޔަށް އަރާ ބަލިތައްފަދަ ހާލަތުގައި އެކަހެރިކޮށް ފަރުވާދެވޭނެ އިންތިޒާމުވެސް ޤާއިމްކޮށްފައިވެއެވެ. އެންމެ ތުއްތު ކުދިންނަށް ބޭނުންވާ ސިއްޙީ ފަރުވާވެސް ވަނީ ޤާއިމްކޮށްފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރި އައު ޚިދުމަތްތަކާއެކު ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ. އަދި ޒަމާނުއްސުރެ ރާއްޖެއިން ބޭރުން ހޯދާ ސިއްޙީ ފަރުވާހޯދުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެ އާއިލާ ކައިރީގައިތިބެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ދަރިމައިވުމުގެ ފަރުވާއާއި ކެތުލެބާއި، ކުޑަކުދިންގެ އެމެޖެންސީ ފަރުވާއާއެކު މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ