ޒުންނަވާރުގެ ދެމަފިރިން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަންހެނުން މެހެނާޒް ޙުސައިން، ބާ ކައުންސިލާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ. ބާ ކައުންސިލާ ދެކޮޅަށް، ޒުންނަވާރު ސަލީމްގެ ދެމަފިރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އެއް ކުށަކަށް ތަކުރާރުކޮށް އަދަބު ދިނުން ހުއްޓުވުމަށް ހުށަހެޅި މައްސަލައެކެވެ. "ސަން"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ، ވަކީލުންގެ ސުލޫކާ ގުޅިގެން، އެ ދެމަފިރިންނާ މެދު ބާ ކައުންސިލުން ތަކުރާރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އެ ދެމަފިރިންގެ ލައިސެންސް ބާތިލުކޮށްފައިވާ ބާތިލުކުރުން ނިމުމަކަށް ގެނެސް، އަލުން ގާނޫނީ މަސައްކަތް ކުރުން އިއާދަކޮށްދިނުމަށް އަމުރުކޮށްދިނުމަށެވެ. ބާ ކައުންސިލުން އެޅި ފިޔަވަޅުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އޭނާގެ ފަރާތުން އެދިފައިވެއެވެ. އެހެންނަމަވެސް، ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ހުށަހެޅި މި މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން އެ ކޯޓުން މިއަދުވަނީ ނިންމާފައެވެ. ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ބާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ، ހައިކޯޓުން މިއަދު ބޭރުކޮށްލާފައިވާއިރު، ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ދެމަފިރިންގެ ތެރެއިން އަނބިމީހާ މެހެނާޒުގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ޒުންނަވާރު، އެ ސިއްކައިގައި މެހެނާޒުގެ ސޮއިކުރުމުން އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ އަހަރެއްހައި ދުވަހަށް ބާ ކައުންސިލުން މިދިޔަ އަހަރު ހިފެހެއްޓިއެވެ. ބާ ކައުންސިލުން އެކަން ހާމަކޮށް، މިދިޔަ އަހަރުގެ މޭ މަހު ނެރުނު ބަޔާނެއްގައިވަނީ، 2021ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި މެހެޒާނުގެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެ މީހުންނަށް ރައްދުވާހެން ސުލޫކީ ޝަކުވާއެއް ލިބުނު ކަމަށާއި އެހެންވެ، މި މައްސަލައިގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ފަރާތުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ހުރެ، ޒުންނަވާރު އެއްބަސްވުން ނޯޓަރައިޒްކޮށްދީފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ. މެހެނާޒާއި ޒުންނަވާރު ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހަށް ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ