މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަންނަ މަހު އޮންނަ އިންތިހާބުތަކުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ރޭ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަަ މަހުގެ 4ގައި ލޯކަލް ކައުންސިލް އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ވެސް އޮންނާނެ އެވެ.
ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. އެއީ ގަސްކާނާ އާއި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަލިފާނުގެ ހާދިސާގައި މުޅި އެ ގުދަން އަނދާ އަޅިއަަށް ވެފައި ވާއިރު، އެ އިމާރާތާއި ޖެހިގެން ހުރީ އިސީގެ އިންތިހާބީ މަރުކަޒެވެ.
ބުނީ ކީކޭ؟ - އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވާ ރޭ ޒާހިދު ރޭ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަލިފާން ރޯވީ އެ ކޮމިޝަނުގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރާ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށް ވިޔަސް، އެ ހާދިސާގައި އީސީގެ މަރުކަޒުގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އިންތިހާބަށް ބޭނުންވާ ލިޔެކިއުންތައް ވެސް ސަލާމަތްތެރިކަމާ އެކު، އެ އިމާރާތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށާއި އަންނަ މަހުގެ 4ގައި އޮންނަ އިންތިހާބު ބޭއްވުމަށް އެއްވެސް ބުރަލެއް އެކަމަކުން ނާރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އިންތިހާބީ ކަންކަމާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ހުރިހާ ސާމާނެއް މިހާރު އިރާދަކުރެއްވިއްޔާ އެ ހުރީ ބޭރަށް ނެރެފައި. އެހެންވީމާ އިންތިހާބީ ކަންކަމަށް އެއްވެސް ބުރަލެއް ނާރާ، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އިންތިހާބު [އަންނަ މަހުގެ] 4 ވަނަ ދުވަހު އަޅުގަނޑުމެން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވި ގޮތުން:
އިންތިހާބީ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން، އީސީގެ ހުރިހާ މަސައްކަތްތައް ދެން ކުރާނީ ސޯޝަލް ސެންޓަރުގައި
މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް
އެ މަސައްކަތް ވެސް މިއަދުން ފެށިގެން ތާވަލުކުރެވިފައިވާ ވަގުތުތަކުގައި ސޯޝަލް ސެންޓަރުގައި ހިނގަމުންދާނެ
"މި އަލިފާނާ ގުޅިގެން އަޅުގަނޑުމެން އިންތިހާބު ބޭއްވުމަށް ކުރަމުންދާ އެއްވެސް މަސައްކަތަކަށް އެއްވެސް ބުރުލެއް ނާރާ ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ ހުރިހާ ލިޔެކިއުންތަކަކާއި ހުރިހާ ޑޭޓާބޭސްއެއް އަދި ހުރިހާ ސާމާނުތަކެއް ވެސް އެބަހުރި،" ޒާހިދު ވިދާޅުވި އެވެ.
އަލިފާނާ ގުޅިގެން އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ