ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން، ވޯޓަށް 'ނޫނެކޭ' ބުނަންޖެހޭ: އިލްހާމް ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން، ވޯޓަށް 'ނޫނެކޭ' ބުނަންޖެހޭ: އިލްހާމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކާއި ހައްގުތަކުން މަހުރޫމުކުރުން ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް އޭޕްރީލް 4 ގައި ބާއްވާ ވޯޓަށް ރައްޔިތުން ނޫނެކޭ ނުބުނެފި ނަމަ ފަހުން ހިތާމަކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުގެ "ފެންނަނުފެންނަ" ޕްރޮގްރާމުގައި ރޭ އިލްހާމް ވިދާޅުވީ މިއީ ސިޔާސީ ޕާޓީތަކާ ގުޅުންހުރި ސުވާލެއް ނޫން ކަމަށާއި، މިއީ ސީދާ ރައްޔިތުންގެ ތަރައްގީއާއި ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ދެ އިންތިހާބު ވަކިން ބޭއްވުމުން ރައްޔިތުންނަށް ލިބޭ ފައިދާތައް ފާހަގަކުރައްވަމުން އިލްހާމް ވިދާޅުވީ، ސަރުކާރެއް ހިނގާތާ ތިން ހަތަރު މަސްވާއިރު، އެ ސަރުކާރެއްގެ އަމަލުތައް ހުރި ގޮތް ބަލައި، މަޖިލީހަށް މެންބަރުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށެވެ.
"ކުޑަ ކުއްޖަކަށް ވެސް އިނގޭނެ ހިނގަމުންދާ ދައުރެއްގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވީމާ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަދި އިދިކޮޅަށް ވެސް ރައްޔިތުންގެ ގާތަށް ދާންޖެހޭނެކަން. ސަރުކާރަށް 'އާނއެކޭ' ނުވަތަ 'ނޫނެކޭ' ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެނީ ދެ އިންތިހާބު ވަކިން ބޭއްވީމާ،" އިލްހާމް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ރަށުގެ ތަރައްގީއާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުން ފަދަ ކަންކަމުގައި ރައްޔިތުންނަށް އޮންނަ ބާރު ގެއްލިގެންދާނެ ކަމަށް ވެސް އިލުހާމް ވިދާޅުވި އެވެ. ސަބަބަކީ އިންތިހާބެއް ބޯމަތީގައި އޮތުމުން ނޫނީ ސަރުކާރުތަކުން ރައްޔިތުންގެ ގާތަށް ގޮސް މަޝްރޫއުތައް ނުފަށާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ގަބޫލްކުރެއްވިޔަސް ނުކުރެއްވިޔަސް ދެ އިންތިހާބު ވަކިން އޮތުމުން ރައްޔިތުންނާއި ރަށަށް ލިބޭ މަންފާ އާއި ތަރައްގީ ފަހިވެގެންދޭ. އެހެންވީމަ އެމީހުންނަށް ލިބޭ އެތައް ހައްގަކުން މަހުރޫމު މިކޮށްލެވެނީ،" އިލުހާމް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުން ކަންކަން ކުރަނީ "ދަސްކުރާ ބޯޑު" އަޅުވައިގެން ކަމަށް ސިފަކުރައްވަމުން، ރައީސް މައުމޫންގެ ދައުރުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ މިސާލު އިލްހާމް ދެއްކެވިއެވެ. އޭރު ކަންކަން ކުރީ ހުރިހާ ޕާޓީތަކަކާ މަޝްވަރާކޮށް، ނޫސްވެރިންނަށް ޖަވާބުދާރީވެ، ރައްޔިތުން ހޭލުންތެރިކުރުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިހާރުގެ ރައީސް މުއިއްޒު ކަންކަން ކުރައްވަނީ އެއްވެސް މަޝްވަރާއެއް ނެތި، އަމިއްލަފުޅަށް ބޭނުންވާ ގޮތަށް ކަމަށް އިލްހާމް ތުހުމަތު ކުރެއްވިއެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ބުނާ ހަރަދު ކުޑަކުރުމުގެ ބަހަނާއަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެމްޕީއެލް ނުވަތަ އެއާޕޯޓްސް ކޮމްޕެނީ ފަދަ ތަންތަނުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން ކުޑަ މިންވަރެއް އުނިކޮށްލިޔަސް އިންތިހާބު ބޭއްވޭނެ ހަރަދު ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމުން ނުކުންނާނެ އިތުރު ނުރައްކަލެއްގެ ގޮތުގައި އިލްހާމް ފާހަގަ ކުރެއްވީ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމުގައި ރައްޔިތުންނަށް ރަނގަޅަށް ވަޒަންކުރަން ދަތިވުމެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ މައިގަނޑު ގޮތެއްގައި އިންތިހާބުގެ ކެމްޕޭނުގައި ދައްކާނީ. އެހެންވީމަ މަޖިލީހަށް ރަނގަޅު މެންބަރަކު އިހުތިޔާރު ކުރުމުގައި ރައްޔިތުންނަށް ނުލިބޭ،" އިލްހާމް ވިދާޅުވި އެވެ.
މިފަދަ އެތައް ކަމެއް ހުރި ނަމަވެސް އަވަސް އަރުވާލައިގެން މި ބަދަލު ގެންނަން މުއިއްޒު އުޅެނީ އިތުރު ގޯސްތަކެއް އޮތުމުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މުއިއްޒުގެ ސަރުކާރުގެ މިހާރު މިއޮތީ "ހާފް ޓައިމް" ގައި ކަމަށާއި، އަންނަ އަހަރުން ފެށިގެން މުއައްސަސާތަކާއި، ސިފައިންނާއި ފުލުހުން އަދި މަޖިލިސް މެންބަރުން ވެސް މުއިއްޒުގެ "އަޅުވެތިކަމުން" ވީއްލިގެންދާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ އޭނާ ނިސްބަތްވާ އެމްޑީޕީން މި ވޯޓާ އެއްކޮޅު ވިޔަސް، އޭނާ ހުންނަވާނީ އަމިއްލަ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ވޯޓަށް "ނޫނެކޭ" ބުނާ ފަރާތެއްގެ ގޮތުގައި ކަމަށެވެ. އަދި ޕީއެންސީގެ ސަޕޯޓަރުން ވެސް މިކަމުގައި "އާނއެކޭ" ބުނެފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ