2026 ސްޕްރިންގ ނެޝަނަލް ސްޕޯޓްސް ފެސްޓިވަލް ނޯތުކޮރެއާގެ ވެރިރަށް ޕިޔޮންގޔަންގގައި ފަށައިފިއެވެ.
މި ސްޕޯޓްސް ފެސްޓިވަލުގައި 30 ކެޓަގަރީއެއްގެ 540 ކުޅިވަރު ހަރަކާތްކުރިއަށްދާއިރު، މި މުބާރާތްތަކުގައި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން އަރަމުން އަންނަ މޮޅެތި ކުޅުންތެރިން ވާދަކުރާނެއެވެ. ނޯތުކޮރެއާގެ ސްޕްރިންގ ނެޝަނަލް ސްޕޯޓްސް ފެސްޓިވަލުގައި ކުރިއަށްދާ ބައެއް މުބާރާތްތަކުގެ ތެރޭގައި ފުޓުބޯޅަ، ބާސްކެޓްބޯޅަ، ވޮލީބޯޅަ، ބަރު އުފުލުން، ޖިމްނާސްޓިކްގެ އިތުރުން ޓައިކޮންޑޯ ފަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ.
2026 ސްޕްރިންގ ނެޝަނަލް ސްޕޯޓްސް ފެސްޓިވަލް ފެށުމުގެ ގޮތުން އެގައުމުގެ ފިޒިކަލް ކަލްޗަރ އެންޑް ސްޕޯޓްސް ކިމް ގުކްވަނީ މުބާރާތުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. 2011 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ނޯތުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ގެންދަވަނީ ކުޅިވަރުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ބޮޑު ހޭދައެއް ކުރައްވާކަން ފާހަގަކޮށްލެވެއެވެ.
ނޯތުކޮރެއާގައި އެންމެ މަގްބޫލު އެއް ކުޅިވަރަކީ ފުޓުބޯޅައެވެ. އޭގެ އިތުރުން ބަރު އުފުލުމާއި، ޖިމްނާސްޓިކްގެ އިތުރުން ބާސްކެޓް ބޯޅައަކީވެސް އެގައުމުގައި ވައިގައި ހިފާފައިވާ ކުޅިވަރުތަކެކެވެ. ފުޓުބޯޅައިން އެގައުމު ހޯދާފައިވާ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފު ނޯތުކޮރެއާއިން ހޯދުން ހިމެނެއެވެ. އެ ކާމިޔާބީ އެގައުމުން ހޯދާފައިވަނީ 1966 ވަނަ އަހަރު ވަރުގަދަ އިޓަލީ ބަލިކޮށް ދުނިޔެ ހައިރާންކޮށްލައިގެންނެވެ.
މީގެ އިތުރުން އެގައުމަކީ ހުނަރުވެރި އަންހެން ފުޓުބޯޅަ ކުޅުންތެރިން އުފެދިފައިވާ ގައުމެކެވެ. އެގޮތުން 20 އަހަރުންދަށުގެ ފީފާ ވޯލްޑްކަޕުގެ ތަށި އެގައުމުންވަނީ 2006، 2016 އަދި 2024 ވަނަ އުފުލާލާފައެވެ. އަދި 17 އަހަރުންދަށުގެ ފީފާ ވޯލްޑްކަޕުގެ ތަށިވެސް އެގައުމުންވަނީ ތިން ފަހަރެއްގެ މަތިން ހިއްލާލާފައެވެ. އެއީ 2008، 2016 އަދި 2024 ވަނަ އަހަރުއެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ ގިނަ މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ފުޓުބޯޅަ ދަނޑު ނިސްބަތްވަނީވެސް ނޯތު ކޮރެއާއަށެވެ. 150،000 މީހުންނަށް އެއްފަހަރާ ކުޅިބެލޭގޮތަށް ބިނާކޮށްފައިވާ ރަންގރާޑޯ ފަސްޓް އޮފް މޭ ސްޓޭޑިއަމް ބިނާކޮށްފައިވަނީ 1989 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިދަނޑުގެ އާބާތުރު ފިލުވާ މަރާމާތުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.
ސްޕްރިންގ ނެޝަނަލް ސްޕޯޓްސް ފެސްޓިވަލް އުތުރު ކޮރެޔާގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ