ޑުރަގުގެ ވިޔަފާރިކޮށް ފައިސާ ލޯންޑާކުރާ މީހުން ހޯދަން އޮޕަރޭޝަން އަލިމަގު ގއ. އަތޮޅަށް ފުޅާކޮށްފި
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހެވެ. ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު ގއ. އަތޮޅުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ. ގއ. އަތޮޅުގައި މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދެކުނު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި ފުލުހުންގެ އިންޓެލިޖެންސާއި ޑީއީޑީ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގެ ބައެއް މާލޭގައި ހިންގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިދިޔަ ޑިސެންބަރު މަހު ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 202 މީހަކު 31 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 71 މައްސަލައެއް ބަލައި، ދައުވާކުރަން 34 މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ޑިސެންބަރު ކުރީކޮޅު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް ނުވަތަ ނަދަމާވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ