ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންނަކީ ކޯލިޝަނެއް، ކޯލިޝަންގައި ހަތަރު ޕާޓީ ހިމެނޭ، އަންނަ ސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް، އިއްތިހާދެއްގެ ސަރުކާރެއް، ކޯލިޝަނަށް ތާއީދުކުރާ ހުރިހާ ދިވެހި ރައްޔިތުން ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރެވޭތޯ ބެއްލެވުން، ކޯލިޝަން ދެމެހެއްޓުމަކީ ރައްޔިތުންނަށްޓަކައި ކުރަން ޖެހޭނެ ކަމެއް، މިއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، މިއީ ކޯލިޝަން ސަރުކާރު، މުޅި ދިވެހި ރައްޔިތުންގެ ސަރުކާރު" މައުމޫން ވިދާޅުވި އެވެ.
އިބޫގެ ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫންކަމަށް މައުމޫން ވިދާޅުވި ނަމަވެސް އިބޫ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގައެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުރިހާ ލިޔުމެއްގައި ވެސް އޮތީ އިބޫ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. އެހެންކަމުން ނޮވެމްބަރ މަހު ވެރިކަމާއި ހަވާލުވާނީ ޤާނޫނީ ގޮތުން ބަލާނަމަ އެމްޑީޕީގެ ސަރުކާރެކެވެ.
މައުމޫން ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނޯންނާނެ، އެމީހެއްގެ ސިޔާސީ ކުލަޔަކާއި އެމީހެއްގެ ހިޔާލަކަށް ބަލާފައި ވަކި މީހަކަށް ވަކި ގޮތެއް ހެދުމެއް ނޯންނާނެ، އެންމެންނާއެކީ މަސައްކަތް ކުރާނީ ހަމަހަމަ ކަމާއެކީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނަންް" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، އާ ސަރުކާރުގައި ނުކުރާ ކުށަކަށް އަދަބެއް ނުލިބޭނެ ކަމަށާއި ނުކުރާ ކުށަކަށް ޖަލަކަށް ނުލާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފެނިގެން ދިޔައީ އެހެން މަންޒަރެއް ކަމަށާއި އެއްވެސް ކުށެއް ނުކުރާ އެތައް ބަޔަކަށް އަނިޔާލިބި ޖަލުގައި ހޭދަކުރަން ޖެހުނު މަންޒަރު ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިއަދު ފައިސަލް އާއި ބައްދަލު ކުރެއްވިއިރު އިއްޔެ ވަނީ އިބޫ އާއި ވެސް ބައްދަލު ކުރައްވާފައެވެ.
ދެން އަންނާނީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ