ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު، ގާނޫނީ ނިޒާމުން "ގެއްލުވާލި" މައްސަލަ، އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ވޯކިން ގުރޫޕަށް ހުށަހަޅައިފި އެވެ. 
އަބްދުﷲ ގާޒީގެ ވަކީލު މައުމޫން ހަމީދު ބުރާސްފަތި ދުވަހު ވިދާޅުވީ، ޔޫއެން ވޯކިން ގުރޫޕް އޮން އެންފޯސްޑް އޯ އިންވޮލެންޓްރީ ޑިސްއެޕިއަރެންސް (ޑަބްލިއުޖީއީއައިޑީ) އަށް ޝަކުވާ ހުށަހެޅުއްވީ، ގާނޫނީ އިމުގެ ތެރެއިން ސިފައިން ކަންކަން ކުރުމަށް ބާރު އެޅުމަށްޓަކައި ކަމަށެވެ. 
"އަޅުގަނޑުމެންގެ ބޭނުމަކީ ވީހާ ވެސް އަވަހަކަށް ގާނޫނީ އިމުގެ ތެރެއަށް އަބްދުﷲ މުހަންމަދު ގެނެސް ދިނުން. އޭނާގެ އާއިލާއާ ހަމައަށް ގެނެސްދިނުން. އެމްއެންޑީއެފުން ގާނޫނީ އަމުރުތަކަށް ތަބާވުމަށް ބާރު އެޅުން. މިހާރު ވެސް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގެ އަމުރަށް ވެސް މި އުޅެނީ ސިފައިން ތަބާނުވެގެން،" މައުމޫން ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ "ގެއްލުވާލި" ކަމުގެ ޝަކުވާ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވޯކިން ގުރޫޕަށް ހުށަހެޅުމުގެ ސަބަބުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އެ މައްސަލާގައި މަޝްވަރާކުރަން ވެސް މަގު ފަހިވާނެ ކަމަށެވެ.
"ދެން މި ވޯކިން ގުރޫޕުން ކަންޓްރީ ވިޒިޓަކަށް ވެސް ރާއްޖެ އައިސް ދާނެ. އޭގެ ފަހުން ރިޕޯޓެއް ވެސް އެ ގުރޫޕުން ނެރޭނެ. އޭގައި ހުންނާނެ ސަރުކާރުން ދައްކާ ވާހަކަތަކާއި އެއްޗެހި ހިމަނާފައި،" އަބްދުﷲ ގާޒީގެ ވަކީލު ވިދާޅުވި އެވެ. 
ގާނޫނީ އިމުގެ ބޭރުން އެމްއެންޑީއެފުން އަބްދުﷲ ގާޒީ ގެންދިޔަ މައްސަލަ އެކި ފަރާތްތަކުން މިހާރު ވަނީ ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
    
    އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ އދ. ގެ ވޯކިން ގުރޫޕަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            