ހެރެތެރެ ރިސޯޓުގެ މައްސަލަ ކޯޓުގައި އެއް އަހަރަށް ފަހު، ޔޮޓް ޓްއާސް އަށް 3.5 މިލިއަން ޑޮލަރު ) 50 މިލިއަން ރުފިޔާ( ދިނުމަށް އެއްބަސްވެ، ކޯޓުން ބޭރުގައި އެ ރަށުގެ މައްސަލަ ނިންމައިފި އެވެ.
އެމްޓީޑީސީގެ ބޯޑުން ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ބޯޑުގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ހެރެތެރޭގެ މައްސަލަ ކޯޓުން ބޭރުގައި ނިންނީ ރޭ )ބުދަ ދުވަހުގެ ރޭ( ކަމަށާއި އެ ނިންމުމަކީ ވިޔަފާރި ނިންމުމެއް ކަމަށެވެ.
"ހެރެތެރެ ރަނގަޅަށް ހިންގެން އޮތީ ޗާޓަރު ފްލައިޓްތައް ގެނެސްގެން. މަދު ޓޫރިސްޓްކޮޅެއް ފޮނުވައިގެން ރަނގަޅު ނަފާއެއް ނުލިބޭ. ނަމަވެސް ޗާޓަރު ފްލައިޓް ގެނައުމަށް ޓުއާ އެޕޮރޭޓަރުން ބޭނުން ވަނީ ކޯޓުގައި މައްސަލައެއް ނެތި. އެހެންވެ މި ގޮތަށް ނިންމީ،" ސަލީމް ވިދާޅުވި އެވެ.
އެމްޓީޑީސީގެ ބޯޑުގެ މެމްބަރު އަހުމަދު ޝަރީފު ވިދާޅުވީ " 55 މިލިއަން ޑޮލަރުގެ ހެރެތެރޭގެ މައްސަލަ ކޯޓުގައި ބޭއްވުމަށް ވުރެ ކުންފުންޏަށާއި ހިއްސާދާރުންނަށް ވެސް ފައިދާވާނީ ވިޔަފާރި ކުރެވޭ ގޮތަކަށް" އޮތުން ކަމަށެވެ.
ބަންދު ސަލީމް ވިދާޅުވީ ހެރެތެރޭގެ މައްސަލާގައި އެމްޓީޑީސީ އާއި ޔޮޓް ޓްއާސް އަށް ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ޔޮޓް ޓުއާސް އަށް ދެނީ ގެއްލުމުގެ ބަދަލެއް ނޫން ކަމަށާއި އެ ކުންފުންޏަށް ދޭން އެއްބަސްވި 3.5 މިލިއަން ރުފިޔާގެ ތެރެއިން ޑައުން ޕޭމަންޓް ގޮތުގައި އެއް މިލިއަން ޑޮލަރު ދިނުމަށް ފަހު ބާކީ 2.5 މިލިއަން ޑޮލަރު ދޭނީ ދެ އަހަރުތެރޭގައި ކަމަށް ވެސް ބަންދު ސަލީމް ވިދާޅުވި އެވެ. އޭގެ އިތުރުން ޔޮޓް ޓްއާސް އިން ހުށަހެޅި ބޭންކް ގެރެންޓީ ވެސް އެމްޓީޑީސީން ވަނީ ދޫކޮށްލައިފަ އެވެ.
ޔޮޓް ޓުއާސްގެ ގާނޫނި ވަކީލް އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ "އެއީ މިވަގުތަށް އެންމެ ރަނގަޅު ނިންމުން،" ކަމަށެވެ.
"މިހާރު ދުނިޔޭގެ އާއި ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތަށް ބަލާއިރު، މިގޮތަށް ނިންމުމަކީ ދެ ފަރާތުގެ ވެސް މަސްލަހަތަށް މި ވަގުތަށް އެންމެ ފައިދާޙުރި ގޮތް،" ޖަމީލް ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި އެމްޓީޑީސީގެ ސީއީއޯ މުހައްމަދު މިހާދު ވިދާޅުވީ ހެރެތެރޭގެ މައްސަލަ ސުލްހަވެރި ގޮތަކަށް ނިމުމުން، އެ ރަށް އެހެން ބަޔަކަށް ދޫކޮށްލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"މިހާރު ވެސް އެކަމަށް ޝައުގުވެރިވާ ފަރާތްތައް އެބަހުރި. ހެރެތެރެ ބަޔަކާ ވީހާ ވެސް އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިހާދު ވިދާޅުވި އެވެ.
ދެ ހާސް އަށް ވަނަ އަހަރު ޖޫން މަހު ހުޅުވި 273 އެނދުގެ ހެރެތެރެ ރިސޯޓް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާސް އަށް އަހަރަކު އެނދަކަށް 18،196 ޑޮލަރަށް ކުއްޔަށް ދިނުމަށް އެއްބަސް ވީ 2008 މޭ މަހު އެވެ. ނަމަވެސް ރިސޯޓް ހިންގުމަށް ދަތިވާ ކަންތައްތަކެއް ހުރެގެން ކަމަށް ބުނެ ޔޮޓް ޓްއާސް އިން ކުލި ނުދެއްކުމުން އެމްޓީޑީސީން އެއްބަސްވުން ބާތިލް ކުރިއެވެ. އެއްބަސްވުން ބާތިލްކުރުމުން ޔޮޓް ޓްއާސް އިން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި އެއްބަސްވުން ބާތިލް ކުރުމުން ޔޮޓް ޓްއާސް އިން ރަށް ދޫކޮށްނުލައި ގިނަ ދުވަސްތަކެއް ވުމުން އެމްޓީޑީސީން ވެސް މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި ހެރަތެރަ ކުއްޔަށް ދިނުމަށް އެމްޓީޑީސީ އާއި ޔޮޓް ޓުއާސް އާ ދެމެދު ކޮށްފައިވާ އެއްބަސްވުން، ޖެނުއަރީ ،21 2009 އިން ފެށިގެން ބާތިލުވެފައިވާ ކަމަށް ނިންމައި މަދަނީ ކޯޓުން ހުކުމް ކުރި އެވެ.
3.5 މިލިއަން ޑޮލަރު ޔޮޓް ޓްއާސް އަށް ދިނުމަށް އެއްބަސްވެ، ހެރެތެރޭގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ