48 ގަޑިއިރުގެ ތެރޭގައު ލުތުފީ ރާއްޖެ ގެނައުމަށް ފުލުހުން މަސައްކަތް ކުރަނީ

ތިނެއް ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީއަށް ދިޔަ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ޙަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަށް ގިނަ ވަގުތުތަކެއް ނަގަމުން ދަނީ އދ.ގެ ސިސްޓަމްގެ ތެރެއިން ލުތުފީ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން ދިއުމާ އެކު ކަމަށެވެ.
ސީޕީ ވިދާޅުވީ ރާއްޖެއާ ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ. އެހެންކަމުން އެކަމުގެ ދަތިތައްވެސް ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ ލުތުފީއަކީ އިންޓަރޕޯލް ރެޑް ނޯޓިސްވެސް ނެރެފައިވާ މީހެއް ކަމަށާއި އަދި އޭނާއަކީ އަށް އަހަރުވަންދެން ފިލައިގެން އުޅުނު މީހަކަށްވާތީ އޭނާ ލަންކާއިން ގެނެވެން އޮތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްގެން ކަމަށެވެ.
ލަންކާގައި ލުތުފީގެ ކަންކަމުގައި ފުލުހުންގެ ޚާއްސަ ޓީމެއް އުޅޭއިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށް ނިމުމާއި އެކު ލުތުފީ ރާއްޖެ ގެންނާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ގެނައުމަށް ކަމަށް ހަމީދު ވިދާޅުވިއެވެ.
19 ދިވެހިން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި އަބްދުﷲ ލުތުފީ އުމުރަށް ޖަލަށް ލާފައިވަނިކޮށް ފިލާފައިވަނީ، 16 ޖެނުއަރި 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހު އެއް ވަނަ ދުވަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ދިއުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ