ސަރުކާރުން ކަންތައްތައް ނިންމަނީ ރައްޔިތުންގެ ބަސް ޝާމިލުނުވާގޮތަށް: މެމްބަރު އަސްލަމް

ސަރުކާރުން ކަންތައްތައް ނިންމަނީ ރައްޔިތުންގެ ބަސް ޝާމިލުނުވާގޮތަށް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ, ދިވެހި ސަރުކާރުން ޗައިނާއާއެކު ގާއިމް ކުރުމަށް މަސައްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފާސްކުރީ ރައްޔިތުންނަށް ނާންގާ ސިއްރިޔާތުގައި ކަމަށް ދޭހަވެގެންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ނިމެން އޮތް ދުވަހު ބޭއްވި ޖަލްސާއަކީ ވަގަށް ބޭއްވި ޖަލްސާއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާއަށް އެދުވަހުގެ ޖަލްސާ އޮންނާނެ ކަމުގެ މެސެޖު ލިބުނީ މެންދުރުފަހު 3:25 ގައި ކަމަށާއި، އެއީ ކުއްލިއަކަށް ފާސްކުރި އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ރައްޔިތުން އެކަމުގައި ދެކޭގޮތް ބެލުމަށް ކަމަށާއި، އެކަހަލަ ކަންކަމުގައި ދިރާސާކޮށް ބަހެއް ބުނުމަށް ކަމުގައިވީނަމަވެސް، މިސަރުކާރުން ގޮތްތައް ނިންމަނީ ރައްޔިތުންގެ ބަސް ޝާމިލުނުވާގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި މެމްބަރުންގެ އަމިއްލަ ފައިދާއަށް ގޮތްތައް ނިންމަމުން ދިއުމުގެ ނަތީޖާ އަކީ މުޅިގައުމު ފަނާވެ، ނެތިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ބޮޑު ތަނުން ސިއްރިޔާތުގައި ވަގަށް ކުރަން އުޅޭހެން ހީވަނީ. މި އެގްރިމެންޓާއި ބެހޭގޮތުން މަޝްވަރާ ކުރާތާ ދެ އަހަރު ވެއްޖެޔޭ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުރިހާ ކަމަކަށް އެއްބަސްވެ ނިމިއްޖެޔޭ، އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް މި ދައުރަށް ނިމެން އޮތް ދުވަހު ވަގަށް ބޭއްވި ޖަލްސާއެއް އެއީ. އަޅުގަނޑަށް އެދުވަހުގެ ޖަލްސާއަށް މަޖިލީހުގެ އިދާރާއިން މެސެޖު އައީ ހަވީރު 3:25 ގައި" އަސްލަމް ވިދާޅުވިއެވެ.
މިސަރުކާރުގެ މައްސަލައަކީ ދަރިންނާއި، ދަރިންގެ ދަރިން ދަރަނިވެރިވާގޮތަށް ލޯނު ނެގުން ކަމަށާއި، ރައީސް ޔާމީނަށް ވެރިކަން ކުރައްވަން އެނގިވަޑައިގަންނަވަނީ ދަރަނިވެރިވެގެން ކަމަށް އަސްލްމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ ދިވެހިންގެ އިސް ވާޖިބެއް ކަމަށެވެ. އެހެންކަމުން ވަކި ގައުމަކަށް ބަރޯސާވެ، ހުރިހާ ކަމެއް ހުއްޓާލެވެން ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ