ޗައިނާއިން 22.8 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދީފި

ޗައިނާއިން އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދީފިއެވެ.
ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާއިން ގެންދަނީ، އާބާދީގެ ވަކި ގްރޫޕްތަކަކަށް އަމާޒުކޮށް، މިދިޔަ ޑިސެމްބަރުމަހުގެ މެދުތެރެއިން ފެށިގެން ވެކްސިން ދިނުމުގެ ސްކީމެއް ހިންގަމުންނެވެ.
ފެބްރުއަރީމަހު އަންނަ ޗައިނާގެ އައު އަހަރުގެ ބަންދާ ދިމާކޮށް އެތައް މިލިއަން ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާނެތީ، އެކަމަށް ޚާއްސަކޮށްގެން ވެކްސިން ދިނުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.
އެގޮތުން، ވެކްސިން ދިނުމުގައި، ހައި ރިސްކް ގްރޫޕްތައް ފާހަގަކޮށް އެ ފަދަ މީހުންނަށްވެސް މިހާރު ގެންދަނީ ވެކްސިން ދެމުންނެވެ.
އެގޮތުން، ފާހަގަކޮށްފައިވާ ގްރޫޕްތަކުގެ ތެރޭގައި ހިމެނެނީ، ސިއްހީ ޚިދުމަތްތެރިންނާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާއި، ގައުމުން ބޭރަށް ވަޒީފާއަށްދާ މީހުންނާއި ކިޔަވާކުދިންނަށެވެ.
އައު އަހަރުގެ ބަންދުގެކުރިން ވެކްސިން ދިނުމަށް ކުރިއަށްގެންދާ ސްކީމްގެ ދަށުން އުމުރުން ދުވަސްވީ މީހުންނާއި އެހެން މީހުންނަށް ވެކްސިން ނުދެއެވެ. އެމީހުން ޖެހޭނީ މަޑުކުރާށެވެ.
ޗައިނާއިން މަސައްކަތް ކުރަމުން ގެންދަނީ، އައު އަހަރުގެ ބަންދު އައުމުގެކުރިން 50 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ކަމަށް، ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސްއިން މިދިޔަމަހު ބުނެފައި ވެއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ވައިސް ޑިރެކްޓަރ ޒެންގް ޔިޝިން ވިދާޅުވީ، ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް އޮމާންކަމާ އެކުގައި ކަމަށެވެ.
ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް ދެމުންގެންދަނީ ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިންތަކެވެ.
ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުން މިހާތަނަށް ދީފައިވަނީ އެންމެ ވެކްސިނަކަށެވެ. އެއީ، ސިނޮފާރމްއިން އުފެއްދި ކޮވިޑް-19 ވެކްސިނެވެ.
އެހެންނަމަވެސް، ޗައިނާގެ ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިން އެގައުމުގެ ބައެއް މީހުންނަށް ދެމުންގެންދާތާ އެތައްދުވަހެއް ވެއްޖެއެވެ. އެގޮތުން، ބައެއްކަހަލަ މަސައްކަތްތެރިންނާއި، ހައިރިސްކް ގްރޫޕްތަކުގެ މީހުންނަށް މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން ވެކްސިން ދޭން ފަށާފައި ވެއެވެ.
އެގޮތުން، ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށްފައިވާ 3 ވެކްސިނެއް، މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 4.5 މިލިއަން މީހުންނަށް ދީފައި ވެއެވެ. މިކަމަށް ޗައިނާއިން ބޭނުންކުރަމުން ގެންދަނީ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން އުފެއްދި 2 ވެކްސިނާއި، ސިނޮވެކް ބަޔޯޓެކް ގްރޫޕުން އުފެއްދި ވެކްސިނެވެ.
ޗައިނާއިން މިހާތަނަށް ކޮވިޑް-19 އަށް 5 ވެކްސިނެއް ތަރައްގީކޮށްފައި ވެއެވެ. އެއީ، ސިނޮވެކްގެ ވެކްސިން، ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕްގެ 2 ވެކްސިން، ކެންސީނޯ ބަޔޮލޮޖިކްސްގެ ވެކްސިން އަދި ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްގެ ވެކްސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ