ކަރަންޓު ކެނޑުނީ ހުރިހާ ޖަނަރޭޓަރުތައް ނިވިގެން: މުޣުނީ

މުޅި މާލެއިން އިއްޔެ ކަރަންޓު ކެނޑުނީ ނެޓްވޯކުގެ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުރިހާ ޖަނަރޭޓަރުތައް ނިވިގެން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިރޭ ވިދާޅުވެއްޖެ އެވެ.
މާލެއިން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނު 8:30 ހާ އިރު އެވެ. އޭގެ ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މުޅި މާލެއަށް ކަރަންޓު އަލުން ލިބުނީ މެންދުރު 12:30 ހާއިރެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މުޣުނީ ވިދާޅުވީ އާއްމުކޮށް ނެޓްވޯކުގެ ކޭބަލަކަށް މައްސަލައެއް ދިމާވި ނަމަވެސް ހުރިހާ ޖަނަރޭޓަރެއް ނުނިވޭ ކަމަށެވެ. އެކަމަކު އިއްޔެ ހުރިހާ ޖަނަރޭޓަރެއް އަމިއްލައަށް ނިވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވި ގޮތުގައި ކޭބަލްތަކަށް ބޮޑު މައްސަލައެއް ދިމާވުމުން ޖަނަރޭޓަރުތައް އަމިއްލައަށް ނިވޭނެ އެވެ. އެއީ ޖަނަރޭޓަރުތަކަށް ގެއްލުން ވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ ބްލެކްއައުޓަކަށް ދިޔައިމަ އަޅުގަނޑުމެން މަސައްކަތް ކުރީ މައްސަލަ އައިޑެންޓިފައި ކުރަން. މައްސަލަ އައިޑެންޓިފައި ކުރުމަށްފަހު ކަރަންޓު ދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިން. އެހެންނަމަވެސް ކަރަންޓު ދެމުން ގެންދަނިކޮށް އަނެއްކާ ވެސް ޝަޓްޑައުންވީ. އެހެންވެ މަސައްކަތް އެހާ ދިގުލައިގެން ދިޔައީ،" މުޣުނީ ވިދާޅުވި އެވެ.
"އާއްމުކޮށް އަޅުގަނޑުމެންގެ ސިސްޓަމުގެ މައްސަލައެއް ދިމާވެއްޖެއްޔާ މުޅި ސިސްޓަމް އެއްކޮށް ޝަޓްޑައުން ނުވާނެ. ގުޅިފަ ހުރި ފީޑަރުތަކެއް ޝަޓްޑައުން ވާނީ. އެކަމަކު މިފަހަރު މައްސަލައިގެ ސަބަބުން މުޅި ސިސްޓަމް އެއްކޮށް ޝަޓްޑައުންވީ،"
މިފަދަ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސިސްޓަމް އަޕްގްރޭޑު ކުރުމާއި ޖަނަރޭޓިން ކެޕޭސިޓީ އިތުރު ކުރުމަކީ މެދު ނުކެނޑި ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށް މުޣުނީ ފާހަގަކުރެއްވި އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެކަން ކުރަމުން އައީ އެންމެ އެކަށީގެންވާ ފެންވަރުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ މާލޭގެ ކަރަންޓު ނެޓްވޯކަކީ ދުވަސްވެފައިވާ ނެޓްވޯކަކަށްވުމުން އަޕްގްރޭޑުގެ މަސައްކަތް ރަނގަޅަށް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ ސްޓެލްކޯއާ ހަވާލުވެވަޑައިގެން ފަހުން އަޕްގްރޭޑު ކުރުމުގެ މަސައްކަތާއި ޖަނަރޭޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ނެޓްވޯކަކީ ވަރަށް ގިނަ ދުވަސްވެފައި އޮތް ނެޓްވޯކެއް. އަދި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި ފަހަރު ގެންދިޔަ ނަމަވެސް ވޭތުވެދިޔަ ހައެއްކަ އަހަރު ނުވަތަ ދިހަ ވަރަކަށް އަހަރުގެ ތެރޭގަ އެންމެ އެކަށީގެންވާގޮތުގައި ނެތް ގެންދެވިފައި،" މުޣުނީ ވިދާޅުވި އެވެ.
މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓެލްކޯއިން އަންނަނީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްޓެލްކޯގެ "ފިފްތް ޕަވާ ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި މާލެ އާއި ހުޅުލެ އާއި ހުޅުމާލޭގައި ބަހައްޓާ ޓްރާންސްފޯމަރުތައް ވަނީ މިހާރު ބަހައްޓާފަ އެވެ.
މި ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް ނުވަތަ މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ފޯރުކޮށްދެވޭނެ އެވެ. ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޯޓުގެ އިންޖީނުގެ އިން 50 މެގަވޯޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޯޓު ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް ބަހައިލާނެ އެވެ.
މި ޖާގަ އިތުރު ކުރުމަށް އިތުރު 50 މެގަވޯޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ވެސް ސްޓެލްކޯ އިން ހުޅުމާލޭގައި ކުރިއަށް ގެންދާނެ އެވެ. އެހެންކަމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފެށިޔަސް ކަރަންޓުގެ ދަތިކަން ހައްލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ