އައިއެފްއެމްގެ ނައިބުރައީސްކަމުން ޝެއިޚް އަހުމަދު މޫސާ އިސްތިއުފާ ދެއްވައިފި
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސްކަމުން ޝައިޚް އަހުމަދު މޫސާ އިސްތިއުފާ ދެއްވައިފިއެވެ.ދިއިސްލާމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެފްއެމްގެ ނައިބުރައީސްކަމުންނާއި އައިއެފްއެމްގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާ ޝެއިޚް އަހުމަދު މޫސާ މިއަދުވަނީ އެޖަމިއްޔާއަށް ސިޓީ ފޮނުވާފައެވެ.ދިއިސްލާމްއަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް އަހުމަދު މޫސާވެސް ވަނީ ސިޓީ ފޮނުއްވިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އިސްތިއުފާ ދެއްވީ ގޮތްނޭނގޭ ކަންތައްތަކެއް ހިނގާތީ ކަމަށާއި އިތުރު އެއްޗެއް މިވަގުތު ވިދާޅުވުމަށް ބޭނުންފުޅު ނުވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.މިކަމާ ގުޅޭގޮތުން އައިއެފްއެމްގެ ރައީސް އިބްރާހިމް ފައުޒީއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އައިއެފްއެމްގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.ޝައިޚް އަހުމަދު މޫސާ އައިއެފްއެމްގެ ނައިބު ރައީސް އަކަށް އައްޔަން ކޮށްފައިވަނީ މިއަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ރޭ ކާމް ހޮޓަލްގައި ބޭއްވި ހަފްލާ އެއްގައެވެ. އެއީ އޭރު އެމަޤާމުގައި ހުންނެވި މުޙައްމަދު ފައުޒީ (ނޫރުލް ޤުރުއާން ކްލާސްގެ ފައުޒީ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝައިހް އަހުމަދު މޫސާއަކީ ސައޫދީ އަރަބިއްޔާގެ ޖާމިއްޔަތުލް އިމާމް މުހައްމަދު ބިން ސޫއޫދު އަލް އިސްލާމިއްޔާ ޔުނިވަސިޓީން އިސްލާމިކް ޝަރިއްޔާއިން މަތީ ތައުލީމް ހާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޝެއިޚް އަހުމަދު މޫސާ އައިއެފްއެމްއާ ދުރަށް ޖެހި ވަޑައިގެންނެވިއިރު ޝެއިޚް އިބްރާހިމް ފަރީދު އަހުމަދުވެސް ވަނީ ވަރަށް ފަހުން އައިއެފްއެމްއާ ދުރަށް ޖެހިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ