އުސްފަސްގަނޑު ވަކި ފަރާތަކާއި ހަވާލުކުރަން ކޯޓުން އަންގަންދެން ނުވަދެވޭނެ - ފުލުހުން

އުސްފަސްގަނޑު ސަރަހައްދު ވަކި ފަރާތަކާއި ހަވާލުކުރަން ކޯޓުން އަންގަންދެން އެއްވެސް ފަރާތަކަށް އެސަރަހައްދަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސިވިލް ކޯޓުގެ އަމުރާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވަނީ ސިވިލް ކޯޓުން އަމުރު ނެރުމާއިއެކު ފުލުހުން އެސަރަހައްދު ރޫޅާލުން ހުއްޓާލާފައިވާ ކަމަށާއި އޭރު ބޮޑު ބައެއް ރޫޅާލާފައިވާތީ އާއި އެސަރަހައްދުގައި ހުރި ބައެއް ތަންތަނާއި ތަކެތި ރޫޅާލުމަށްފަހު ބައެއް ތަކެއްޗާއި އާލާތްތައް އެސަރަހައްދުގެ ތެރޭގައި ބެހެއްޓިފައިވާތީއާއި، އެސަރަހައްދަށް މީހުން އެއްވެ ހިންގާފައިވާ ޖިނާޢީ ކުށުގެ އަމަލުތައް ފުލުހުންގެ ފަރާތުން ތަހުގީގުކުރަމުންދާތީ އެސަރަހައްދަށް އެއްވެސް ފަރާތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެސަރަހައްދު ބަންދުކޮށްފައިވަނީ ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
"މިމައްސަލައާއި ގުޅިގެން އެތަން ވަކި ފަރާތަކާ ހަވާލުކުރުމަށް ކޯޓުން އަންގަންދެން، އެއްވެސް ފަރާތަކުން އުސްފަސްގަނޑު ސަރަހައްދުގެ ތެރެއަށް ނުވަނުމަށާއި އެސަރަހައްދަކީ މިސަރވިސްގެ ބެލުމުގެ ދަށުން ބަންދުކުރެވިފައިވާ ސަރަހައްދެއްކަމުގައި ދެންނެވީމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
އުސްފަސްގަނޑާ ގުޅޭގޮތުން އެމްޑީޕީއިން ހުށައެޅި މައްސަލަޔާ ގުޅޭ ގޮތުން ކޯޓުން ވަކިގޮތެއް ނިންމަންދެން އުސްފަސްގަނޑު ރޫޅާ ނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސިފައިން އެސަރަހައްދު ރޫޅާލަމުން ދަނިކޮށެވެ.
ސިވިލްކޯޓުގެ ގާޒީ ހާތިފް ހިލްމީ ސޮއިކުރައްވާ މިރޭ ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ އުސްފަސްގަނޑު މައްސަލައިގައި އެމްޑީޕީން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލައިފި ނަމަ އެމްޑީޕީގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް އެޕާޓީއަށް ލިބިދާނެކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އުސްފަސްގަނޑު ރޫޅާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކުރާކަމަށް ވެސް އެ އަމުރުގައި ވެއެވެ. އަދި މީގެ އިތުރުން އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުން މިރޭ ދިހަގަޑި ސާޅީސްހާއިރު ވަގުތީ އަމުރު ނެރުނުއިރު ސިފައިން ގެންދިޔައީ އެސަރަހައްދު ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ. ކޯޓު އަމުރު ލިބުނުއިރު އެސަރަހައްދުގައި ޖަހާފައި ހުރި ގޮޑި ބަރިތައް ނަގާ ރާނާފައި ހުރި ސްޓޭޖް ތަޅާ ދެންވެސް އެސަރަހައްދުގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށްވަނީ ނަގާފައެވެ. އަދި ގިނަ ތަކެތި ވަނީ އެމްއެންޑީއެފް ލޮރީ ތަކުގައި އެސަރަހައްދުން ވަނީ ގެންގޮސްފައެވެ.
ސިފައިން ކޯޓް އަމުރާއެއްގޮތަށް މަސައްކަތް ހުއްޓާލާ އެ ސަރަހައްދުން ދިޔައިރު ސަލާމަތުން ހުރީ ކާޅުކޮށްޓާ ސިފައިން ހުސްކޮށްފައިވާ ދެ ކޮންޓެއިނަރެވެ. ނަމަވެސް ރޫޅާލާފައިވާ ބައެއް އެއްޗިސް އަމުރާއެކު ސިފައިން ވަނީ އުސްފަސްގަނޑަށް އަރުވާފައެވެ.
ކްރިމިނަލް ކޯޓުން އުސްފަސްގަނޑު ބަލައި ފާސްކުރުމަށް ފުލުހުންނަށް އަމުރެއްދީފައިވަނީ އިއްޔެ މެންދުރުފަހު 3 ޖެހިއިރު އެވެ. ފުލުހުންދިން އަމުރުގައި ވަނީ އެ އަމުރަކީ ފުލުހުން ފާސްކުރަން ފަށައި ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ދީފައިވާ އަމުރެއް ކަމަށެވެ.
ފުލުހުން އުސްފަސްގަނޑު ބަލައި ފާސްކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ އުސްފަސްގަނޑާއި އެސަރަހައްދާއި އިންވެގެންވާ ސަރަހައްދުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އެސަރަހައްދުގައި ތިބޭ މީހުން އެސަރަހައްދަށްދާ މީހުންނަށް ޖެއްސުންކޮށް ފުރައްސާރަކުރުމާއި އެސަރަހައްދުގައި ސިހުރު ހާހޫރަ ހެދުމުގެ އަމަލުތައް ހިންގާ މިނޫންވެސް ތަފާތު ކުށުގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށް ބުނެއެވެ.
މިރޭ ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެފަދަ ހެކިތަކެއް އެސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ