ޕްރައިމަރީ ބާއްވަނީ ގަވާއިދާ ހިލާފަށް: މައުމޫން ފެކްޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެެމްގެ ޓިކެޓް ދިނުމަށް ރައީސް ޔާމީންގެ ފެކްޝަނުން ބާއްވަން ނިންމާފައިވާ ޕްރައިމަރީއަކީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ބާއްވަން ނިންމާފައިވާ ޕްރައިމަރީއެއްކަމަށް ރައީސް މައުމޫންގެ ފެކުޝަނުން ބުނެފިއެވެ.
އެ ފެކްޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ފެކްޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް ރައީސް ޔާމީންގެ ފެކްޝަނުން ބާއްވަން ނިންމާފައިވާ ޕްރައިމަރީއަކީ ޕާޓީގެ އިންތިހާބީ ކޮމެޓީއާއި އެއްވެސް މިންވަރަކަށް މަޝްވަރާކުރުމެއްނެތި ބާއްވަން ނިންމާފައިވާ ޕްރައިމަރީއެއްކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ ހ ގައި ބުނާގޮތުން ޕާޓީގެ އެތެރޭގައި ބާއްވާ ހުރިހާ އިންތިހާބުތައް ރާވާ ހންގާނީ އިންތިހާބީ ކޮމެޓީންކަމަށް ބުނެފައިވާކަމަށެވެ.
މައުމޫން ފެކްޝަނުންގެ ބަޔާނުގައި ބުނެފައިވަނީ އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބީ ކޮމެޓީއަށް މެންބަރުން އިންތިހާބުކޮށްފައިވާކަަމަށާ އެހެންކަމުން ޕީޕީއެމްގެ އެތެރޭގެ ކޮންމެ އިންތިހާބެއްވެސް ކުރިއަށް ގެންދެވޭނީ އެ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށެވެ.
އެހެންކަމުން އެނޫންގޮތަކަށް ބާއްވާ ކޮންމެ އިންތިހާބަކީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ބޭއްވޭ އިންތިހާބެއްކަމަށާ އެފަދަ އިންތިހާބެއްގައި ޕީޕީއެމްގެ މެންބަރުން ވާދަކުރުމަކީވެސް އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމަށް މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބު ބާއްވަން މަސައްކަތްކުރަމުންދަނީ ވަކި ބަޔަކަށް މަންފާ ހޯދާދިނުމަށްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން މިކަމަށް ސަމާލްކަން ދިނުމަށާއި، އަސާސީ ގަވާއިދާ ހިލާފަށް މަސަކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް މައުމޫންގެ ފެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދިނުމުގެ ކުރިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ނިންމާފައިވާކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ބުނެފައެވެ.
އެފެކްޝަންުން ބުނީ 60 އަށް ވުރެ ގިނަ ދާއިރާގައި ޕްރައިމަރީ ބާއްވަންޖެހޭ ކަމަށާ އެއީ ރަށު ކައުންސިލްތަކަށް ނިސްބަތްވާ 38 ދާއިރާއެއްގައި އާއި އަތޮޅު ކައުންސިލް ތަކަށް ނިސްބަތްވާ 16 ދާއިރާގެ އިތުރުން ސިޓީ ކައުންސިލަށް ނިސްބަތްވާ 10 ދާއިރާއެއްގައި ކަމަށެެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން 600 އަށް ވުރެ ގިނަ ފޯމް ލިބުނު ކަމަށާއި ބައެއް ފޯމްތަކުގައި މައްސަލަ އުޅޭތީ އެކަން އިސްލާހުކޮށް މިހަފްތާގެ ނިޔަލަށް ފޯމް ހުށަހަޅަން ފުރުސަތު ދީފައިވާކަމަށްވެސް އެ ފެކްޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ