އަބްދުﷲ ގާޒީ މިއަދު ހާޒިރު ކުރަން ހައި ކޯޓުން އަމުރުކޮށްފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލާގެ އިސްތިއުނާފުގެ ޝަރީއަތަށް ހާޒިރުކުރުމަށް އެމްއެންޑީއެފްގެ މައްޗަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ބުނެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ މައްސަލާގައި އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޖޭއެސްސީން އިސްތިއުނާފު ކުރުމާ ގުޅިގެން ހައި ކޯޓުން މިއަދު އެމްއެންޑީއެފްގެ މައްޗަށް އަމުރުކޮށްފައި ވަނީ އަބްދުﷲ ގާޒީ މިއަދު ހަވީރު 4:30 ކޯޓަށް ހާޒިރު ކުރުމަށެވެ.
ސިފައިންގެ ޓްރޭނިން ސެންޓަރު، ގިރިފުށްޓަށް ގެންގޮސްފައިވާ އަބްދުﷲ ގާޒީ، ހައި ކޯޓަށް ހާޒިރު ކުރުމަށް މިއަދު އަމުރު ކުރިއިރު، މީގެ ކުރިން ވެސް ހައި ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެފަ އެވެ. އަސްކަރިއްޔާއިން އޭނާ ގެންދިޔަ މައްސަލާގައި އެމްއެންޑީއެފްގެ މައްޗަށް ކުރި އަމުރަށް އަމަލްކޮށްފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީގެ މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލައެއް ސުޕީރިއާ ކޯޓަކުން ބެލޭނެކަމަށް ޖޭއެސްސީއަށް ނުފެންނާތީ ކަމަށެވެ.
ޖޭއެސްސީން އެ މައްސަލަ ކުރިން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެމައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށް ކަމަށް މިމަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީއަށް އަންގާފައެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މީޑިއާގައި ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ، އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އެޅުމަށް ނިންމުމާއެކު ސިވިލް ކޯޓަށް އޭނާ ވެއްދި މައްސަލާގައި އެ ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ވަގުތީ އަމުރުގައި ބުނަނީ ސިވިލްކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ކަނޑައަޅަންދެން އަބްދުﷲ ގާޒީ އާއި މެދު އެއްވެސް ފިޔަވަޅު ނޭޅުމަށް ޖޭއެސްސީއަށް އަމުރު ކުރާ ކަމަށެވެ.
ހައިކޯޓުން މިއަމުރު މިއަދު ނެރުނު އިރު އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ "ހޭބިއަސް ކޯޕަސް"ގެ މައްސަލަ ނުނިމެނީސް އަބްދުﷲ ގާޒީއަށް ރައްދުވާ ގޮތަށް އެއްވެސް މައްސަލައެއް ކުރިޔަށް ނުގެންދެވޭނެ ކަމުގެ އަމުރެއް ނެރެ ދިނުމަށް އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގައި ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ