ސީރިއާ އާއި އިރާޤުގެ ބޮޑު ބައެއް ހިފާފައިވާ އައިއެސް ޖަމާއަތުން ކޮންމެ މަހަކު އާންމުދަނީގެ ގޮތުގައި 80 މިލިއަން އެމެރިކާ ޑޮލަރު ހޯދާ ކަމަށް އައިއެސްގެ ކަންތައްތައް މޮނީޓަރ ކުރަމުންދާ އައިއެޗްއެސް އިން ބުނެފިއެވެ.
އައިއެޗްއެސް އިން ކުރި ސަރވޭ އަކަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އައިއެސް އަށް ލިބޭ އާންމުދަނީގެ ދެބައިކުޅަ އެއްބައި ހޯދަނީ އައިއެސް އިން ނަގާ ޓެކްސް ތަކުން ކަމަށެވެ. މިޓެކްސްތައް ނަގަނީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި އެސަރަހައްދުތަކުގައި ވިޔަފާރިކުރާ ވިޔަފާރިވެރިންގެ އަތުންނެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އައިއެސް އަށް ދެވަނަ އަށް އެންމެ ބޮޑު އާންމުދަނީ އެއް ލިބެނީ ކަޅު ބާޒާރުގައި ވިއްކާ ތެލުން ކަމަށެވެ. ރިޕޯޓްގައި ބުނާ ގޮތުގައި އައިއެސްއަށް ލިބޭ އާންމުދަނީގެ 43 އިންސައްތަ އަކީ ތެލުގެ ވިޔަފާރި އިން ލިބޭ އާންމުދަނީއެވެ.
"އަލްގައިދާ އާއި ޚިލާފަށް އައިއެސް އިން ބޭރު ގައުމުތަކުން އެމީހުންނަށް އެހީދޭ މީހުންގެ މައްޗަށް ބަރޯސާއެއް ނުވޭ. ބޭރު ގައުމުތަކެއްގައި ތިބޭ ބަޔަކު އައިއެސްގެ މައްޗަށް މާލީ ގޮތުން ބާރު ފޯރުވުމުގެ ފުރުސަތެއް ނެތް" ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޓެކްސް ނެގުމާއި ތެޔޮ ވިއްކުމުގެ އިތުރުން ވެސް ފައިސާ ހޯދަން ބައެއް ކަންތައްތައް އައިއެސް އިން ކުރެއެވެ. އެގޮތުން މީހުން ކިޑްނެޕް ކޮށް ފައިސާ އަށް ޑިމާންޑް ކޮށްގެން ވެސް އައިއެސް އިން އާންމުދަނީ ހޯދައެވެ. އަދި ބޭންކާއި ފިހާރަތަކުން ވައްކަން ކޮށްގެން ވެސް ފައިސާ ހޯދައެވެ. މީގެ އިތުރުން އައިއެސްގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް ދީގެން ވެސް އައިއެސް އިން ފައިސާ ހޯދާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އައިއެސް އިން މަހަކު 80 މިލިއަން ޑޮލަރުގެ އާންމުދަނީއެއް ހޯދާ – ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ