އެމެރިކާގައި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެނީ

ލޮސްއެންޖަލަސް (މޭ 4): އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގައި އަނދަމުންދާ ވަރުގަދަ އަލިފާންގަނޑު ކޮންޓްރޯލްނުވެ އެސްޓޭޓްގެ އެތައް ހާސް ހެކްޓަރެއްގެ ދަނޑުތައް އަނދައި ހުލިވެ 4000 އަށް ވުރެ ގިނަގެ ސަލާމަތް ކުރުމުގެ ފުރްސަތު ގެއްލެމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ކެލިފޯނިޔާގެ މަސްއޫލުވެރިން ހާމަކުރައްވާ ގޮތުގައި އަލިފާން ގަނޑު މިހާރު ވަނީ 4000 އަށް ވުރެ ގިނަ ގެ ވަށާލާފަ އެވެ. އެގެތައް ސަލާމަތް ކުރުމުގެ ފުރްސަތު ކުޑަވުމުން މިހާރު އެގެތަކުގައި ދިރިއުޅޭ ޢާއިލާތައް ރައްކާތެރި ތަންތަނަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ކެލިފޯނިޔާގެ މަސްއޫލުވެރިއެއް ކަމަށްވާ ލޫރީ ރޮސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގައި ދެހާހަށް ވުރެ ގިނަ މީހުން ކަމާބެހޭ ޒަމާނީ ސާމާނާ އެކު ޙަރަކާތްތެރިވަމުންދާ އިރުވެސް އަލިފާންގަނޑު ދަނީ ބޮޑުވެ އިތުރު ސަރަހައްދުތަކަށް ފެތުރެމުންނެވެ.
އަލިފާން ނިއްވުމަށްޓަކައި މިކަމަށް ޚާއްސަ އަށް ހެލިކޮޕްޓަރާއި 10 މަތިންދާބޯޓާއި އެތައް ސަތޭކަ ލޮރީއާއި ވެހިކަލް ބޭނުންކުރެވެމުންދާ ކަމަށާއި އަލިފާން ނިއްވުމަށް ޓަކައި ބޭނުންކުރަނީ ވެސް މިކަމަށް ޓަކައި އުފައްދާފައިވާ ޚާއްސަ ކެމިކަލް އެއްކަމަށް އޭނާ ވިދާޅުވި އެވެ. މިއަލިފާންގަނޑު އަނދަމުންދަނީ ކެލިފޯނިޔާގެ ލޮސްއެންޖެލަސްގެ ހުޅަނގު އުތުރުން ކަމަށް ޚަބަރު ލިބެ އެވެ.
ކެލިފޯނިޔާއަކީ ރަބީޢު މޫސުމުގައާއި ޚަރީފު މޫސުމުގައި މިބާވަތުގެ އަލިފާންގަނޑު ރޯވާ ސްޓޭޓެކެވެ. އަލިފާން ރޯވަނީ ހޫނުވަޔާ އެކު ޖަންގަލިތަކުގެ ގޮފިތައް ކޭތި ހޫނުއުފެދިގެން ކަމަށްވެ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ