ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަބްދުﷲ މަސީހު ވަކިކޮށްފިނަމަ އެމަގާމަަށް ދެން ގެންނަން އެންމެ އެކަށީގެންވާ ބޭފުޅަކީ އޮނަރަބަލް ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ކުރިޔަށްގެންދިޔަ އެންމެ ހޫނު މަޖިލީހަކީ ދިވެހި ރާއްޖެގައި މިހާރު އޮތް މިނިވަން އިންސާފުވެރިފެހި ގާނޫނުއަސާސީ އެކުލަވާލުމަށް ކުރިޔަށް ގެންދިޔަ ހާއްސަ މަޖިލީސް ކަމަށެވެ. އަދި އެއީ އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި ކަންކަން ނިންމަން ޖެހުނު މަޖިލީސް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އޮންރަބަލް ގާސިމް އިބްރާހިމްކަން ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ، އެމަނިކުފާނު ވަނީ ވަރަށް ހައްސާސް މައްސަލަތައް ދިމާވެ ކުރިމަތިވެވަޑައިގެންނެވި ދަތި އުނދަގޫ ހާލަތްތަކުގައިވެސް ވަރަށް ސާބިތުކަމާއި ކެތްތެރިކަމާއެކު މައްސަލަތައް ނިންމަވާފައި ކަމަށެވެ.
"ރައްޔިތުންގެ ހާއްސަ މަޖިލީހަކީ ދިވެހި ރާއްޖޭގައި މިހާތަނަށް އައި އެންމެ ހޫނު މަޖިލީސް. އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި ކަންކަން ނިންމަން ޖެހުނު މަޖިލީސް. އެ މަޖިލީހަކީ އޯގަސްޓު 12 13 އަށް ފަހުގައި ދިވެހި ރާއްޖެއަށް މިއައި މިނިވަން ގާނޫނުއަސާސީ އަންނަން ޖެހުނު ސަބަބު. މި ގާނޫނު އަސާސީ ހެދި މަޖިލީހުގެ ރައީސްގެ ވާހަކަ މި ދައްކަނީ،" ރިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އެމަނިކުފާނުގެ ރިޔާސަތުގައި މަޖިލީސް މެމްބަރުންގެ މުސާރަ އެއްލައްކަ ފަންސާސްހާސް ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ، މަޖިލީސް މެމްބަރުންނަށް ލިބޭ އިނާޔަތްތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ އެއްގޮތަށް ލިބޭ އެއްޗެއް ކަމަށެވެ. އަދި މެމްބަރުންގެ މުސާރައަށް ގެނެވޭ ބަދަލުތަކަކީ މާލިއްޔަތު ކޮމިޓީން ކުރާ މަސައްކަތެއް ކަމަށެވެ.
ރިޔާޒް ވިދާޅުވީ މަޖިލީސް މެމްބަރުންގެ މުސާރައަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ބާރުގެދަށުގައިވާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމަކަށް ހުށަހެޅުމަކީވެސް މަޖިލީހުގެ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަދި އެނޫންވެސް އެހެން މަގާމުތަކަށް ކުރިމަތިލުމުގެ ހައްގަކީ މަޖިލީހުގެ ކޮންމެ މެމްބަރަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެގޮތުގެ މަތީން އަބްދުލްރަހީމް އަށްވެސް އެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އެންމެ ގާބިލް ހުނަރުވެރި ތަޖުރިބާކާރު އަދި ގައުމު އިސްލާހު ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ގާސިމް އިބްރާހިމް: ރިޔާޒް ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ