އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުﷲ ޖާވިދު (ޖާ) އާއި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޖާވިދުގެ ބަންދަށް މީގެ ކުރިން ދެތިން ފަހަރެއްގެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ޖާވިދާއި ސިފައިންގެ މީހާ އަޒްލިފް ދޫކޮށްލަން ކޯޓުން އަމުރުކުރީ މިއަދު ކޯޓަށް ގެންދިއުމުންނެވެ.
ޖާވިދުގެ ދިފާއީ ވަކީލު ވިދާޅުވީ އޭނާ ދޫކޮށްލީ ހުށަހެޅި ހެކިތަކަށް ބަލާއިރު ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީ ކަމަށް ގާޒީ ވިދާޅުވި ކަމަށެވެ.
ނަމަވެސް ފުލުހުން އަންގައިފި ކޮންމެ ގަޑިއެއްގައި ފުލުސް އޮފީހަށް ހާޒިރުވާން ޝަރުތުކޮށްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ ޖާވިދުގެ ބަންދަށް ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތުގެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި ޖާވިދާ ދެކޮޅަށް ހެކީގެ ގޮތުގައި ފޯން ކޯލް ރިކޯޑިންއެއްގެ އިތުރުން ބައެއްގެ ހެކިބަސްތަކެއް ލިބިފައިވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލަން ކޯޓަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
ޖާވިދާއި ސިފައިންގެ މީހާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ