"ރައީސް ޔާމީން 2018" ކެމްޕޭނު މަހާސިންތާގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް

ރައީސް ޔާމީނުގެ ކެމްޕޭނު އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ރައީސް ޔާމީން 2018" ކެމްޕޭން މަހާ ސިންތާގެ 3 ވަނަ ބުރަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަރުބާރުގޭގައި ކުރިއަށް އެބަގެންދެއެވެ.
މިއަދު ހަވީރު ނޫސްވެރިން ދިއައިރު ކުރިއަށް ގެންދަނީ ބައިވެރިން ރަޖިސޝްތްރީކުރުމުގެ މަސައްކަތްތަކެވެ.
މިއަދުނޫހަށް މައުލޫމާތު ދިން ބައެއް ބައިވެރިން ބުނީ އެމީހުން މިމަހާސިންތާއަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
ދިމާވި ސަބަބުތަކާއިހުރެ ލަސްވި ނަމަވެސް އެމީހުން މިހާރުވެސް ގެންދަނީ ކެމްޕޭނުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި މިއީ ވަރަށް މުހިންމު މަހާސިންތާއެއް ކަމަށާއި މި މަހާސިންތާގެ ސަބަބުން ގިނަ މައުލޫމާތުތަކެއް ލިބި އެމީހުންގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
މިއަދު ހަވީރު މަސައްކަތްތައް ކުރިއަށްދާގޮތް މަހާރަނި ފާޠިމަތު އިބްރާހީމް ވަނީ ބައްލަވައިލައްވައިފައެވެ. މަހާސިންތާގެ ހުރިހައި ކަމެއް ވެސް ކުރިއަށް ގެންދަވަނީ އެކަމަނާގެ ބެއްލެވުމުގެދަށުންނެވެ.
މިފަހަރުގެ މަހާސިންތާ ޚާއްޞަކޮށްފައިވަނީ މާލޭ ދާއިރާއަށެވެ. ސްރީ ލަންކާ އާއި މެލޭސިޔާގައި ތިބި ބައެއް ފަރާތްތަކުންވެސް މަހާސިންތާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މަހާސިންތާގެ ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ މިއަދު ވިދާޅުވެފައިވަނީ 88 ގޮތްޕަކުން 400 އަށްވުރެ ގިނަ މަންދޫބުން މިފަހަރުގެ މަހާސިންތާގައި ބައިވެރިވާނެ ކަމަށެވެ.
މީގެ ކުރިން މަހާސިންތާގެ 2 ބުރެއް ބާއްވައި ރާއްޖޭގެ ހުރިހައި އަތޮޅުތަކުގެ ގޮފިތަކުން ކެމްޕޭނު މެނޭޖަރުން ވަނީ ތަމްރީނުކޮށްފައެވެ. މަހާސިންތާގެ ބުރުތައް މެދުކެނޑުނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި މަހާރަނި ފާޠިމަތު އިބްރާހީމްގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ