އުމަރު މަސައްކަތް ކުރަނީ ޕާޓީ ބަލިކަށިކުރަން: އައްސަދު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ބަލިކަށިކޮށް ނިކަމެތިކުރުމަށް ކަމަށާ ޕްރައިމަރީގައި ވާދަކޮށް އުމަރު ނަސީރަށް ރައީސް ޔާމީން ބަލިނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން އައްސަދު ވިދާޅުވީ ޕީޕީއެމް ބަލިކަށިކޮށްލަން އުމަރު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާލުމަށް ގޮވާލާކަމަށެވެ.
އައްސަދު ވިދާޅުވީ ރައީސް ޔާމީނަށް މާބޮޑު ތާއީދެއް ނެތްކަމަށް ބުނި ދުވަސްވަރުވެސް ޕްރައިމަރީގައި އެމަނިކްފާނު އުމަރު ބަލިކުރައްވާފައިވާ ކަމަށާ އެހެންކަމަށްވީއިރު، މިއަދު ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތް ވަގުތެއްގައި ޕްރައިމަރީއަކުން އުމަރު މޮޅުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އައްސަދު ވިދާޅުވީ އުމަރު ނަސީރަކީ މިހާތަނަށް އެއްވެސް އިންތިހާބަކުން ކާމިޔާބި ލިބިފައިވާ ބޭފުޅެއް ނޫންކަމަށާ އޭނާާއާއި އިންތިހާބެއްގައި ވާދަކުރެއްވިނަމަވެސް އުމަރަށް ކާމިޔާބެއް ނުލިބޭނެކަމަށެވެ.
"އަޅުގަނޑުވެސް ޗެލެންޖުކޮށްފައި މިދަންނަވަނީ. މިނިކަމެތި އައްސަދުވެސް އުމަރު ނަސީރު ބަލިކުރާނަން އިންތިހާބަކަށް ވަޑައިގެންފިއްޔާ." އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ މިހެން ވިދާޅުވެފައިވާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް އުމަރު ވަނީ ޝައުގުވެރިިކަން ފާޅުކުރައްވާފައެެވެ. އަދި އުމަރު ވަނީ ސޯޝަލް މީޑިއާގައި ކެންޕޭންވެސް ފައްޓަވާފައެވެ.
އަައްސަދު ވިދާޅުވީ ޕީޕީއެމްެގެ ތެރޭގައި އުފެދިފައިވާ ހިޔާލް ތަފާތުވުންތައް ނައްތާލުމަށް ހިކުމަތްތެރިކަމާއެެކު ދެ ރައީސުންވެސް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް މައުމޫންގެ ތާއީދު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެކަމަށް އައްސަދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލްކުރާގޮތުގައި ރައީސް މައުމޫންގެ ތާއީދު ރައީސް ޔާމީނަށް އަދިވެސް ލިބޭނެ. ރައީސް މައުމޫންގެ ތާއީދު ނުލިބޭނެކަމަށް ވާހަކަދައްކަނީ ބައިބައިވުން އިތުރުކުރުމަށް." އައްސަދު ވިދާޅުވިއެވެ.
އައްސަދު މިހެން ވިދާޅުވެފައިވީނަމަވެސް ޕީޕީއެމްގެ ތެރޭގައި ބޮޑެތި ހިޔާލް ތަފާތުވުންތަކެއް އުފެދި ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ވަނީީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
އަދި ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ތިން ފަހަރެއްގެ މަތިން އެދިވަޑައިގަތުމުންވެސް ރައީސް މައުމޫނާއި ބައްދަލްކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރަށް ކުރިއަށް އޮތް އިންތިހާބުގައި ރައީސް މައުމޫނާއި އެމަނިކްފާނުގެ ބޭފުޅުންގެ ތާއީދު ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާނެކަމަށް ސިޔާސީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ