ސިއްހީ ދާއިރާ ކުރިއަރުވައި ސިއްހީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް ފާހަގަކޮށް ތިން ފަރާތަކަށް އެވޯޑު ހަވާލުކޮށްފި އެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް ހަތެއްގައި ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ޖެން ހޮޓަލުގައި ރޭ ބޭއްވި ޖަލްސާގައި އެވޯޑް ހާސިލް ކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މިދިޔަ އަހަރު އެ އެވޯޑު ހާސިލްކުރީ ބ. އަތޮޅު ހޮސްޕިޓަލާއި، ސ. ހިތަދޫ ހޮސްޕިޓަލްގެ އިތުރަށް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އެވެ.
މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަ އަށްވުރެ ބޮޑު ބައެއް އެތެރެކުރަނީ ބޭރު ގައުމުތަކުން ކަމަށާއި، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާއިރު އެ ތަކެތީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
ވިޔަފާރި ބަނދަރުގެ މަސައްކަތާއި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ރާއްޖޭގައި ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމުގައިވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ދަނޑުވެރިކަމުގައި އުފައްދާ ބާވަތްތަކަކީ އިންސާނުން ކެއުމަށް ރައްކާތެރި ތަކެތިތޯ ކަށަވަރުކޮށް ކާބޯތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި ގެންގުޅެން ޖެހޭ އުސޫލްތަކުގެ މައްޗަށް ބިނާކޮށްފައިވާ ސްކީމެއް ރޭގެ ޖަލްސާގައި ވަނީ ތައާރަފްކޮށްފަ އެވެ.
ސިއްހީ ދާއިރާގެ ހޭލުންތެރިކަމަށް މަސައްކަތް ކުރި ތިން ފަރާތަކަށް އެވޯޑް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ