13 އަހަރުގެ ކުއްޖާއާ ކޯޓުން ބޭރުގައި ކައިވެނި ކުރި ހައްމާދުގެ ބަންދަށް އިތުރު 15 ދުވަސް

އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުން "ކައިވެނި" ކޮށްގެން އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
ހައްމާދުގެ މައްސަލަ ފެންމަތި ވެފައިވަނީ ލަނޑާ ނަގާ ދޯންޏެއްގައި އޭނާއަށް ވަޅިން ހަމަލާދިން މައްސަަލާގައި އެކި ގޮތަށް ފެތުރެމުން ދަނިކޮށް އެވާހަކަތައް މީޑިއާގެ ސަމާލުކަމަށް އައިސްގެންނެވެ. އެ މައްސަލައިގެ ތަހުގީގުގައި އޭނާ 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ ކަމުގެ ހެކި ލިބިފައިވާއިރު އޭނާގެ މައްސަލަ ބަލަމުން ދަނީވެސް ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގަ އެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އަނެއްކާވެސް އެކޯޓުން މިވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ، ހުކުމް ތަމްފީޒުކޮށް ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ. އަދި 13 އަހަރުގެ އަންހެންކުއްޖާގެ މައްސަލައާ ގުޅިގެން މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، 13 އަހަރުގެ ކުއްޖާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާއި ހައްމާދުގެ ޑީއެންއޭއާއި ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ